ރާއްޖޭގައި ޓެނިސް ކުޅޭތާ 50 އަހަރު ފުރި، ގައުމީ ފެންވަރުގައި ޓެނިސް މުބާރާތްތައް އިންތިޒާމު ކުރެވޭތާ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ޓެނިސް އެސޯސިއޭޝަނުން މިއަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޓެނިސް ޓީމް ކޮމްޕެޓިޝަން ނިންމާލައިފިއެވެ.
ބުރާސްފަތި ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 12 ޓީމު ވާދަކުރިއިރު، އެއީ ޖޫނިއަރ ހަ ޓީމު އަދި ސީނިއަރ ހަ ޓީމެވެ.
ޓެނިސް ޓީމް ކޮމްޕެޓިޝަންގެ ޖޫނިއަރ ޗެމްޕިއަންކަން ޓީމް ކޮކާ އުމަރު ހޯދިއިރު، ޖޫނިއަރ ރަނަރަޕްކަން ހޯދާފައިވަނީ ޓީމް އޭސްއެވެ.
ޓެނިސް ޓީމް ކޮމްޕެޓިޝަން ސީނިއަރ ޗެމްޕިއަންކަން ޓީމް ކޮކާ އުމަރު ހޯދިއިރު، ސީނިއަރ ރަނަރަޕްކަން ހޯދީ ޓީމް މިހެދޭއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އޭ.ޑީ.ކޭ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފާލްއެވެ.
ޓެނިސް ކުޅޭ އެކި އުމުރުފުރާގެ ކުޅުންތެރިން ހިމަނައިގެން ބޭއްވި މި މުބާރާތުގައި ވާދަކުރީ އުމުރުން 8 އަހަރުން ދަށުން ފެށިގެން 65 އަހަރުން މަތީގެ ކުޅުންތެރިންނެވެ.
މި މުބާރާތުގައި ވާދަކުރި ޓީމްތަކަށް ނަންދެވިފައިވަނީ ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ނަން މަޝްހޫރު ކުޅުންތެރިންގެ ނަންތަކުންނެވެ.
އެގޮތުން މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރޭގައި ޓީމް ހިތްވަރު، ޓީމް ހުރާބޭ، ޓީމް މޮހޮދޭ، ޓީމް ކޮކާ އުމަރު، ޓީމް އޭސް އަދި ޓީމް ސައްޔިދު ހިމެނެއެވެ.