ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އޮމާންކަމާއެކު ބާއްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އިންތިހާބުގައި ރައީސް ކަމަށް އަދި ނައިބްރައީސް ކަމަށް ވެސް ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތެކެވެ. އަދި އެގްޒެކެޓިވް މެމްބަރަކަށް ކުރިމަތިލާފައިވަނީ ހަތަރު ފަރާތަކުންނެވެ.
ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ރައީސް ކަމަށް ކުރިމަތިލެއްވީ އިބްރާހިމް ހަމީދެވެ. އެގޮތުން އޭނާ މަގާމަށް އިންތިހާބުވީ ނެގި ފެންނަ ނުފެންނަ ވޯޓުގައި 95 އިންސައްތަ ހޯއްދަވައިގެންނެވެ. އެއީ 39 ވޯޓެވެ.
މިއީ އިބްރާހިމް ހަމީދު ރައީސް ކަމަށް އިންތިހާބުވި ދެވަނަ ދައުރަށްވާއިރު، އޭނާ ވަނީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމު އަދި ނައިބްރައީސްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.
ނައިބްރައީސް ކަމަށް އަލީ ރިފާއު ކުރިމަތިލެއްވިއިރު، ނެގުނު ފެންނަ ނުފެންނަ ވޯޓު އޭނާ ކާމިޔާބުކުރެއްވީ 90 އިންސައްތައިންނެވެ. އެއީ 37 ވޯޓެވެ. ރިފާއުއަކީ މިދިޔަ ދައުރުގައި އެސޯސިއޭޝަންގެ އެގްޒެކެޓިވް މެމްބަރެކެވެ.
އެގްޒެކެޓިވް މެމްބަރަކަށް ކުރިމަތިލެއްވި ހަތަރު މެމްބަރުންގެ ތެރެއިން މުހައްމަދު އިބްރާހިމް އާއި، މުހައްމަދު ނަޒީހު އަދި ހަސަން ނިޝާމް މަގާމަށް ހޮވުނުއިރު، މުހައްމަދު ހުސާމް ވަނީ ވޯޓުން ބަލިވެފައެވެ.
މުހައްމަދު އިބްރާހިމްއަށް 85 އިންސައްތަ ވޯޓު ލިބުނުއިރު، އެއީ 35 ވޯޓެވެ. މުހައްމަދު ނަޒީހުއަށް 100 އިންސައްތަ ވޯޓު ލިބުނުއިރު، އެއީ 41 ވޯޓެވެ. ހަސަން ނިޝާމްއަށް 51 އިންސައްތަ ވޯޓު ލިބުނުއިރު، އެއީ 21 ވޯޓެވެ. އަދި މުހައްމަދު ހުސާމްއަށް 46 އިންސައްތަ ވޯޓު ލިބުނުއިރު، އެއީ 19 ވޯޓެވެ.
މުހައްމަދު އިބްރާހިމް ގައުމީ ބޮޑީބިލްޑިންގ ޓީމުގެ ކޯޗުކަން ކުރިން އަދާކޮށްފައިވާއިރު، މުހައްމަދު ނަޒީހުއަކީ 1999 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ ޖަޖެކެވެ. އަދި އޭނާއަކީ މިހާރު ވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ޖަޖިންގ ކޮމިޓީގެ ޗެއާމަންއެވެ. އޭނާ ވަނީ ސައުތު އޭޝިއަން ބޮޑީބިލްޑިންގ ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރުކަން ވެސް ކުރައްވާފައެވެ.
މީގެކުރިންވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފައިވާ ހަސަން ނިޝާމްއަކީ މިހާރު ވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަނުގެ ޖަޖިންގ ކޮމިޓީގެ ވައިސް ޗެއާއެވެ.
އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 58 ފަރާތުގެ ތެރެއިން 41 ފަރާތަކުން ވޯޓު ލާފައިވާއިރު، މިއީ ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ ތާރީހުގައިވެސް އެންމެ ގިނަ ފަރާތުން ވޯޓުލި ފަހަރެވެ.
ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ވަނީ އިންތިހާބު އޮމާންކަމާއެކު ބޭއްވުމަށް އިންތިހާބު ކޮމިޓީން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި އިންތިހާބު ބޭއްވުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށްވެސް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.