ކޮމިޝަނަރ އޮފް ޕޮލިސް ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން އައިޑީ ކުލަބު ބަލިކޮށް، އެސްއޯއާރުސީ ޗެމްޕިއަންކަން ހޯދައިފިއެވެ.
އެސްއޯއާރުސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އައިޑީ ކުލަބާ ވާދަކުރިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 3-3 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 7-8 އިން ކުރިހޯދައިގެންނެވެ.
މިއީ އެސްއޯއާރުސީ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އައިޑީ ކުލަބުންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި މިލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު ނާޒިމްއެވެ.
މިލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވަނީސް އެސްއޯއާރުސީއަށް ލިބުނު ޕެނަލްޓީއަކުން މުއްރަތު އަޙްމަދު ނަތީޖާ އެއްވަރު ކޮށްދިނެވެ. މި ޕެނަލްޓީއަކީ ޕެނަލްޓީ އޭރިޔާގެ ތެރެއިން އައިޑީ ކުލަބުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
އެސްއޯއާރުސީން މިމެޗުގެ ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 39 ވަނަ މިނިޓްގައި ޢަލީ އަފްރާޙް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު އެސްއޯއާރުސީން އިތުބާރާއެކު ކުޅެމުންދިޔަ ނަމަވެސް، ލީޑުގައި މާގިނައިރު އޮވެވޭގޮތެއް ނުވިއެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ލަނޑު ޖަހައި އައިޑީ ކުލަބުގެ މުޙައްމަދު ނާޒިމް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިންއިރު، އައިޑީ ކުލަބުން ވަނީ މެޗުގެ 73 ވަނަ މިނިޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އައިޑީ ކުލަބުގެ ޙަސަން ޝިފާންއެވެ.
އެސްއޯއާރުސީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 85 ވަނަ މިނިޓްގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ އަފްރާޙްއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައިޑީ ކުލަބުގެ މުޙައްމަދު ނާޒިމްއެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޑީޕީސީ އެފްސީގެ ޢަލީ ރާޝިދުއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ޓީމް އައިއެސްޑީގެ އިސްމާޢީލް ޙަމްދޫން ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ އައިޑީ ކުލަބުގެ މުޙައްމަދު ނާޒިމްއެވެ. އަދި އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ އެސްއޯއާރުސީގެ މުއްރަތު އަޙްމަދުއެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްއޯއާރުސީގެ މުއްރަތު އަޙްމަދުއެވެ. އޭނާ ވަނީ މިމުބާރާތުގައި 10 ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވެސް ހޮވުނީ މުއްރަތު އަޙްމަދުއެވެ.
ފުރަތަމަ ޑިވިޝަންގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އައިޑީ ކުލަބުގެ ޢަބްދުލް ހާލިޤް އަޙްމަދުއެވެ. 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އައިޑީ ކުލަބުގެ އަޙްމަދު ރީޝާން ހޮވުނުއިރު 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ އަޙްމަދު ޝާހިދުއެވެ.
އެންމެ ހިންގުންތެރި މެނޭޖަރަކަށް އައިޑީ ކުލަބުގެ މެނޭޖަރު އާދަމް ޝިހާމް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެސްއޯއާރުސީގެ ކޯޗު އައްސަދު ޢަބްދުލް ޣަނީއެވެ.
ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ޓްރޮފީ ހަވާލު ކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރިމެހެމާން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި ރަނަރަޕް ޓީމަށް މެޑަލް އާއި ޓްރޮފީ ހަވާލު ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. ފުރަތަމަ ޑިވިޜަންގެ އެކި މަޤާމުތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކޮށްދެއްވީ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނެވެ.
ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގައި 12 ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ސްޕޮންސަރކޮށްފައިވަނީ މައިލޯ އާއި ދިރާގުންނެވެ.