ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 15:36
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ޓްވިޓަރ
ލިއޮނެލް މެސީ
ބައިނަލްއަގުވާމީ ފުޓުބޯޅައިން ތިން މަހަށް މެސީ ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
މެސީ ޖޫރިމަނާކުރީ 41،000 ޕައުންޑުން

ބައިނަލްއަގުވާމީ ފުޓުބޯޅައިން ތިން މަހަށް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ ސަސްޕެންޑުކޮށް ޖޫރިމަނާ ކޮށްފިއެވެ.

މެސީ ސަސްޕެންޑުކޮށް ޖޫރިމަނާ ކޮށްފައިވަނީ ނިމިގެން ދިޔަ ކޮޕާ އެމެރިކާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކަށް ފަހު އެ މުބާރާތް އިންތިޒާމުކުރާ ކޮންމެބޮލް ވަނީ ކޮރަޕްޓްވެފައި ކަމަށް ބުނެ ހިޔާލުފާޅުކުރުމާ ގުޅިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބްރެޒިލް އަތުން 0-2 ގެ ނަތީޖާއިން ބަލިވުމާއެކު، މެސީ ވަނީ އެ މެޗުގެ ރެފްރީގެ އިތުރުން މުބާރާތް އިންތިޒާމުކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އަދި މުބާރާތުގައި ކޮރަޕްޝަން އެކުލެވޭކަމުގެ ތުހުމަތުވެސް އޭނާ ވަނީ ކޮށްފައެވެ.

މީގެއިތުރުން މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި އާޖެންޓީނާ އަތުން 1-2 ގެ ނަތީޖާއިން ޗިލީ ބަލިވެފައިވާއިރު، އެ މެޗުގައި މެސީއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މެސީގެ މި ސަސްޕެންޝަނާއެކު އޭނާއަށް އަންނަ ސެޕްޓެމްބަރ މަހުގެ ފަސްވަނަ ދުވަހު ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ ރަހުމަތްތެރިކަމުގެ މެޗު، ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗު އަދި އޮކްޓޫބަރ މަހުގެ 10 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

މީގެއިތުރުން ޗިލީ މެޗުގައި މެސީއަށް ދެއްކި ރަތްކާޑާއެކު އޭނާއަށް ވޯލްޑް ކަޕް ކޮލިފައިންގެ އެއް މެޗުގެ ސަސްޕެންޝަނެއްވެސް އަންނާނެއެވެ.

މެސީއަށް ތިން މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާއިރު، އޭނާ 41،000 ޕައުންޑުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.

މެސީއަށް ކޮންމެބޯލްއިން ދިން މި އަދަބު އެޕީލްކުރަން އޭނާއަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް