ޕާކިސްތާނާ ދެކޮޅަށް ޖާސޫސް ކުރަން އެ ގައުމަށް އެތެރެވެގެން އުޅުން އިންޑިއާގެ ރައްޔިތަކު ޕާކިސްތާނުގެ ދޭރާ ގާޒީ ހާން އަވަށުން ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.
ޖާސޫސް ކުރުމަކީ ޕާކީސްތާނުގެ ގާނޫނު ބުނާ ގޮތުން މަރުގެ އަދަބު ލިބޭ ކަމެކެވެ. ޕާކިސްތާނުގެ ފުލުހުން ބުނީ، ލާހޯރާ 400 ކިލޯ މީޓަރު ދުރު ''ދޭރަ ގާޒި'' ޑިސްޓްރިކްޓްގެ ގަޖް ސަރަހައްދުން ބުދަ ދުވަހު ރާޖް ލަކްޝްމަން ނަމަކަށް ކިޔާ އިންޑިއާގެ ޖާސޫސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ އަކީ ޖާސޫސެއް ކަމަށް އަމިއްލަ އިއުތިރާފް ވެފައިވަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެހެން ސަރަހައްދަކަށް އޭނަ ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، ލަކްޝްމަން ހައްޔަރު ކޮށްފައިވާނީ ބަލޮޗިސްތަން ޕްރޮވިންސް އަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ބަލޮޗިސްތަން ޕްރޮވިންސް އަކީ އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވްވެސް ހައްޔަރު ކުރި ސަރަހައްދެވެ. ޕާކިސްތާނުން ކުލްބުޝާން ހައްޔަރު ކޮށްފައިވަނީ ޕާކިސްތާނުގައި އެގައުމާއި ދެކޮޅަށް ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި 2016 އަހަރުގެ މާޗް މަހުއެވެ. ކުލްބުޝާން ހައްޔަރުކޮށް ހިންގުނު ތަހްގީގަށްފަހު، ޕާކިސްތާނާ ދެކޮޅަށް ޖާސޫސް ކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވީ އެ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
ޝަރީއަތުގެ މަޖްލީހުގައި ކުލްބުޝާންގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ މަރަން ހުކުމްކުރިއެވެ. އަދި ޖާސޫސް ކުރިކަމަށް އޭނާ އެއްބަސްވާ ވީޑިއޯއެއް ޕާކިސްތާނުން އާއްމުކުރިއެވެ. ޖާސޫސްގެ ނަމުން މަޝްހޫރުވެފައިވާ ކުލްބުޝާންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކުރެވޭގޮތް ނުވީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އެކަން ހުއްޓުވުމުންނެވެ.