އައްޑޫ ސިޓީގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް އެސްއެމްއީ ބޭންކުން 80 މިލިއަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިކޮނޮމިކް ޑިވެލޮޕްމަންޓް އާބަން ސެންޓަރގެ ގޮތުގައި ރާއްޖޭގެ 4 ސަރަހައްދެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އައްޑޫސިޓީ ހިމެނޭ ކަމަށެވެ.
އެގޮތުން އައްޑޫ ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 300 އާއި 500 މިލިއަށް ޑޮލަރު ވަރު އަރާނެކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ތެރެއިން މިހާރު ބައެއް މަޝްރޫއުތައް ފެށުމަށް އެގްޒިމް ބޭންކުން ލޯން ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ލަސްވަނީ ލޯން ހޯދުމުގައި ހުންނަ ޕްރޮސެސް ދިގުވުމުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އިނީޝިއަލް ޓާގެޓަކީ 300 މިލިއަން ޑޮލަރު، އޭގެ ތެރެއިން 200 މިލިއަށް ޑޮލަރު އިންޑިއަން އެގްޒިމް ބޭންކުގެ އެލްއޯސީ ފެސިލިޓީގެ ތެރެއިން އަޅުގަނޑުމެންނަށް މިހާރު ވަނީ ކޮމިޓްވެ ނިމިފައި.މިނިސްޓަރު ވިދާޅުވި
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫގެ ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް އެސްއެމްއީ ބޭންކުން 80 މިލިއަން މިހާރު ހަމަޖެހިފައިވާ ކަމަށާއި، ރަނގަޅަށް ކުރިއަށް ގެންދިވިއްޖެނަމަ އަހަރެއްގެ ތެރޭގައި 600 އެނދު އައްޑޫއަށް އިތުރުކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫގެ މާސްޓަރ ޕްލޭން ޑެވެލޮޕް ކުރުމަށް ކޮންސަލްޓެންޓުން ހޯދުމަށް އަންނަ ހަފްތާގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ. ކައުންސިލްއާއެކު ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ފައްޔާޒާއެކު އެސްޑީއެފްސީ އާއި ބީސީސީ އަދި އެފްޑީސީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.