ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާން އުޅޭ ވާހަކަތަކާ އެކު މަޖިލީހުގެ ޖަލްސާތައް މެދުކެނޑިއްޖެ އެވެ.
މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ 6 ވަނަ ދުވަހު ފެށިފަހުން މިހާތަނަށް ބޭއްވިފައި ވަނީ ނުވަ ޖަލްސާއެވެ.
މި އަހަރަށް މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރިފައި ވެއެވެ.
އެވާހަކަތަކާ ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ނަމަވެސް ފާސް ނުވާނެ ކަމަށެވެ. އެމައްސަލަ ފެއިލްކޮށްލާނެ ކަމަށް ނިހާނު ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެދުވަހު މަޖިލީހުގެ ޖަލްސާ ފަށާފައިވަނީ ވެސް މެންދުރު 14:00 ގައެވެ. އަދި އެޖަލްސާގައި ހަމައެކަނި ކުރިއަށްދިޔައީ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަށް ސަރުކާރުން ހުށަހެޅި ބިލް ފާސްކުރުމުގެ މަސައްކަތް އެކަންޏެވެ. މަޖިލީހުގެ ރައީސް އެޖަލްސާ ކުރިއައް ގެންދެވީ ވެސް ރިޔާސަތުގެ ގޮނޑިކޮޅު، ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް "ހިސޯރު" ކުރެއްވުމުން އެހެން ގޮނޑިކޮޅެއްގައި އިންނަވައިގެންނެވެ.
މި ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް ޕީޕީއެމް އާއި ސަރުކާރުގެ އެކި އިވެންޓްތަކުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންނަވަ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ވަކި ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.