ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 00:11
ނޮޅިވަރަންފަރުގެ ކައުންސިލާއި ސްކޫލުގެ ވެރިންނާއި ނައިބު ރައީސް ބައްދަލު ކުރައްވަނީ
ނޮޅިވަރަންފަރުގެ ކައުންސިލާއި ސްކޫލުގެ ވެރިންނާއި ނައިބު ރައީސް ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް ނަސީމް
ނޮޅިވަރަންފަރުގެ ކައުންސިލާއި ސްކޫލުގެ ވެރިންނާއި ނައިބު ރައީސް ބައްދަލު ކުރައްވައިފި
މި ދަތުރުފުޅުގައި އެރަށު ކައުންސިލަރުންނާއި، ނޮޅިވަރަން ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރެއްވި
ބައްދަލުވުން އޮތީ ނޮޅިވަރަން ކައުންސިލް އިދާރާގައި
ކައުންސިލުން ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި

ނައިބު ރައީސް ފައިސަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ބުރާސްފަތި ދުވަހު ފެއްޓެވި ދަތުރުފުޅުގައި ހދ. ނޮޅިވަރަންފަރަށް ޒިޔާރަތްކުރައްވާ އެރަށު ކައުންސިލަރުންނާއި، ނޮޅިވަރަން ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ނޮޅިވަރަން ކައުންސިލް އިދާރާގައި އޮތް މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ފައިސަލްއާއި ހިއްސާކުރިއެވެ.

މި ދަތުރުފުޅުގައި ފައިސަލް އާއެކު އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ ބައިވެރިވެލައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ރަނގަޅު ފެންވަރުގެ ދަނޑެއްގެ މުހިންމުކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމުގެ އިތުރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

ނޮޅިވަރަން ސްކޫލްގެ އިސް ވެރިން ވެސް ވަނީ ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ސްކޫލްގެ އިސްވެރިން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ.

މީގެ އިތުރުން ސްކޫލްގެ އިސްވެރިން ވަނީ ނޮޅިވަރަމަކީ ތަޢުލީމީ ތާރީޚެއް އޮތް ސްކޫލެއްކަން ފާހަގަކުރައްވައި އެ ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކިޔަވަމުންދާ ސްކޫލެއްކަން ފައިސަލްގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި، މިވަގުތު އެ ސްކޫލްގައި ސެން ކްލާސްރޫމެއް ނެތުމުން އެފަދަ ކުދިންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ސްކޫލްގެ އިސްވެރިން ވަނީ ހާމަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާ އަކީ މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާކަމަށާއި، ސަރުކާރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކުރާ އެއް ދާއިރާކަންވެސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވިވާހަކަފުޅުގައި ސްކޫލާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

- ކޮމެންޓް