ލިބިދާނެ މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާން ވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށް ރ. މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވެފައިވަނީ ފ. އަތޮޅު ވިއްލާލުމުގެ ވާހަކަ ވަރަށް ބޮޑަށް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަމީތުއަކީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕް މެންބަރަކަށްވާއިރު މިއީ މިފަދަ ގޮތަކަށް އޭނާ ކޮމެންޓެއް ކުރި ފުރަތަމަ ފަހަރެއެވެ.
އަމީތަކީ ކުރިން ސަރުކާރުގައި ހުންނެވި ރައީސް އޮފީސް މިނިސްޓަރ އަބްދުﷲ އަމީންގެ ކޮއްކޮ އެވެ. އަމީންއަކީ މިހާރު އިދިކޮޅު އިއްތިހަދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
Libidhaane maalee faidhaa akah, qaumuge isthiglaalu quruban vedhaane kameh kohgen nuvaane.
— ᗰᴏʜᴀᴍᴇᴅ ᗩᴍᴇᴇᴛʜ (@MohamedAmeeth) March 6, 2017
ފ. އަތޮޅުން ބޮޑު ބައެއް ވިއްކާލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ރާއްޖެއަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އަންނަން އުޅޭ ކަމަށެވެ. މިއީ ރުފިޔާއިން ބަލާ ނަމަ ގާތްގަނޑަކަށް 154 ބިލިއަން ރުފިޔާ އެވެ.
ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ރައީސް މައުނޫން ފެކްޝަނުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެކަމާ ދެކޮޅުކަން ދޭހަވާ ފަދަ ގޮތަކަށް ރައީސް ޔާމީންގެ ފެކްޝަނުގެ މެންބަރަކު ޓްވީޓްކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެރަގޮތެއް ވާގޮތަކަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށް ބުނަމުންނެވެ. އަދި އެއީ މި ސަރުކާރުން ރާއްޖޭއަށް ގެންނަން ބުނާ ބިޔަ ބޮޑު މަޝްރޫއެއްގެ ތެރެއިން އެއް މަޝްރޫއު ކަމަށް ވަނީ ބުނެފަ އެވެ. ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދިނުމަށް އެދި އެއަތޮޅު ބިލަތްދޫ ރައްޔިތުން މިދިޔަ ހަފްތާގައި ވަނީ އިހްތިޖާޖު ވެސް ކޮށްފަ އެވެ.
ސައުދީ ޝާހީ އައިލާއާ އެކު ސަރުކާރުން ފ. އަތޮޅާއި ގުޅޭ ކަންކަން މިމަހު އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުގައި ނިންމަވާނެ ކަމަށް ވެއެވެ. ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް މާލެ އަތޮޅު ތިން ރިސޯޓް ވަނީ އެއްކޮށް ނަގާފަ އެވެ.