އައްޑޫ ސިޓީގައި ކުރިޔައްދިޔަ ޔޫއެފާ އެސިސްޓް މުބާރާތުގެ ޗެމްޕިއަން ކަން ބޫޓާން ބަލިކުރުމަށްފަހު ލެޓްވިއާއިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުގައި ލެޓްވިއާ އަދި ބޫޓާން ބައްދަލުކުރި މެޗް ލެޓްވިއާއިން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލެޓްވިއާއިން ވަނީ ބޫޓާން ކޮޅަށް ތިން ލަނޑު ޖަހައިފައެވެ. މޮޅަށް ކުޅުނު ލެޓްވިއާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދިނީ ޖޯޖިސް ސަކޯވްއެވެ. ލެޓްވިއާއިން މި ހާފުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު ޖެހީ ޑާރިއޯ ސޫޓްސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯޖިސް ވަނީ ލެޓްވިއާއަށް އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ.
ދެވަނަ ހާފުގައި ބޫޓާނުންވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލެޓްވިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ލެޓްވިއާއިން ވަނީ ވަރުގަދަ ޑިފެންސްއެއްކޮށް ލިބުނު ކައުންޓަރ އެޓޭކްގައި ލަނޑުޖަހާ މެޗުގެ ނަތީޖާ 4-0 ކަށް ބަދަލުކޮށްލައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓާސް ވޮލްކޯވްސްއެވެ. ލެޓްވިއާގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރޫނޯ މެލްނިސްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ އަކުންނެވެ. މެޗުގެ ފަހު މިނެޓުގައި ލެޓްވިއާގެ ޑާރިއޯ ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ނަތީޖާ 6-0 ކަށް ބަދަލުކޮށްލައިފައެވެ.
މި މުބާރާތުގެ ފައިނަލުގައި ބޫޓާން ކުޅެފައިވާއިރު މިއީ ބޫޓާން ފުޓުބޯޅަ ޓީމެއް މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ދިވެހި ރާއްޖޭގެ ޖޫނިއަރ ފުޓުބޯޅަ ޓީމުވެސް ކުޅެފައިވެއެވެ. ނަމަވެސް ރާއްޖޭގެ ޓީމުވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައެވެ.