ފުޓުބޯޅަ ކެރިޔަރުގައި އެންމެ ކާމިޔާބު ދުވަސްތައް ހޭދަ ކުރެވިފައިވަނީ ސްޕެއިންގެ ރިޔަލް މެޑްރިޑްގައި ކަމަށާއި ރެއާލްއަށް ކުޅެން އަދިވެސް ބޭނުންވާ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ސްޕެއިންގެ ރެއާލްގައި ރޮނާލްޑޯ ހޯދައިފައިވާ ކާމިޔާބުތަކާއި ގުޅިގެން އޭނާއަށް ހޯމަ ދުވަހުގެ ރޭ ސްޕެއިންގެ ފުޓްބޯޅައިގެ އެވޯޑެއް ކަމަށްވާ މާސާ ލެޖެންޑް އެވޯޑް ވަނީ އަރުވައިފައެވެ. އެ ހަފްލާގައި އޭނާ ބުނީ ރެއާލް ދޫކޮށްލަން އޭނާ ނިންމި ނިންމުމަކީ މިހާތަނަށް ނިންމަން އެންމެ އުނދަގޫ ނިންމުން ކަމަށާއި އެ ނިންމުން ނިންމީ ވަރަށް ވިސްނާފައި ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުލަބަށް ކެރިޔަރު ނިމުމުގެ ކުރިން ކުޅެން އަދި ވެސް ބޭނުންވާކަމަށެވެ.
މާސާ އެވޯޑަކީ އޭނާ އަށް ހާއްސަ އެވޯޑެއް ކަމަށް ބުނެ އޭނާ ބުނީ ސްޕެއިންއަކީ އޭނާ ކެރިޔަރުގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރެވުނު ދުވަސް ތަކެއް ކަމަށާއި ރެއާލްގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 80 މިލިއަން ޔޫރޯއަށް 2009 ވަނަ އަހަރުގެ ޖުލައި މަހު ރެއާލްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ ވަނީ އެކްލަބްގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އޭނާއަކީ 450 ލަނޑާއެކު އެކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
އޭނާ ވަނީ ރެއާލްއަށް ހަތަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު އެކްލަބްއިން ކާމިޔާބު ކުރުމުގައި ރޮނާލްޑޯގެ ހިއްސާ ބޮޑެވެ. އޭނާވަނީ ރެއާލްގައި އޭނާ ހޭދަކުރި ދުވަސްވަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދާފައެވެ.