ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ދިން ފައިސާގައި ނުހިފައި އަނބުރައި ފޮނުވާލި ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ ނަޒާހަތްތެރިކަމުގެ އަގުވަޒަންކޮށް، ސެޓްފިކެޓާއި ފައިސާގެ އިނާމެއް ރާއްޖެޓީވީގެ މެނޭޖްމެންޓުން މިއަދު އެ ދެ މުވައްޒަފުންނަށް ދީފި އެވެ.
ފެބްރުއަރީ 19 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ އެމްބަސީގައި ބޭއްވި އިވެންޓެއް ކަވަރުކުރަން ދިޔަ ނޫސްވެރިނަށް ހަދިޔާގެ ގޮތުގައި ސިޓީ އުރައެއްގައި 500ރުފިޔާ ދިނެވެ. މި އިވެންޓް ކަވަރުކުރަން ރާއްޖެޓީވީގެ ފަރާތުން ދިޔައީ އަބްދުﷲ މުހައްމަދު އާއި ކެމެރާމަން އަހްމަދު ނަދީމެވެ.
މި ދެ ނޫސްވެރިންނަށް ސައުދީ އެމްބަސީން ދިން ސިޓީ އުރައިގައި އޮތީ ފައިސާކަން އެނގުމުން، ވަގުތުން އެކަން ރާއްޖެޓީވީގެ މެނޭޖްމެންޓްގެ ސަމާލުކަމަށް ގެނައެވެ. އަދި އެ ފައިސާ އަނބުރާ ސައުދީ އެމްބަސީއަށް ވާނީ ފޮނުވައިފަ އެވެ.
މި ދެ ނޫސްވެރިންގެ އަގުވަޒަންކޮށް ސެޓްފިކެޓާއި އިނާމު ދިނީ ރާއްޖެޓީވީގެ ސްޓާފުންނާއެކު އާދީއްތަ ދުވަހު ބޭއްވި ހަފުލާއެއްގަ އެވެ.
މި ހަފުލާގައި ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް ވިދާޅުވީ އަބްދުﷲ މުހައްމަދާއި ނަދީމްގެ ފަރާތުން ފެނިގެން ދިޔަ އަޚްލާގަކީ މަދުން ނޫނީ މިހާރު މީހުންގެ ފަރާތުން ނުފެންނާނެ ފަދަ އަޚްލާގެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ ދެ ނޫސްވެރިންގެ އަގު އިންތިހާއަށް އަރައިފައިވާ ކަމަށާއި އަދި ނޫސްވެރިކަމުގެ އަގު އެކަމުގެ ސަބަބުން އުފުލިގެން ދިޔަ ކަމަށްވެސް ވެސް އަހްމަދު ސަލީމް ވިދާޅުވި އެވެ.
"މި ނޫސްވެރިންގެ އެތިކްސް އާއި އިންޓެގްރިޓީއަކީ ހަމައެކަނި މިގޮތަށް ދޭ ސެޓްފިކެޓަކުން އަދި އިނާމަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން. އެއަށް ވުރެ މާއަގުބޮޑު،"އަހްމަދު ސަލީމް ވިދާޅުވި އެވެ.
ރާއްޖެޓީވީގެ ޗީފް އޮފަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެޓީވީގެ ނޫސްވެރިންގެ އަޚްލާގު ހިފެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި އެކި ފަރާތްތަކުން ދޭ ހަދިޔާ އާއި ތަކެތި ޑިކްލެއާ ކުރަންޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިޔާއަށް ނުފޫޒު ފޯރުވުމަށްޓަކައި ފައިސާ ދިންކަން އަދި ފައިސާގައި ނޫސްވެރިޔަކު ހިފައިފި ނަމަ އެ ނޫސްވެރިޔަކާމެދު ފިޔަވަޅު އެޅޭނެ އުސޫލްތައް ވެސް ރާއްޖެޓީވީން ކަނޑައަޅާފައިވާ ކަމަށެވެ.