ޗައިނާ އާއި ރާއްޖެ އާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުން ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނަމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް އިން ހާމަކޮށްފިއެވެ.
އިކޮނަމިކް މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާ މޯލްޑިވްސް ފްރޭޓްރޭޑް އެގްރިމެންޓާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުން މާޗް މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ޗައިނާ އާއި ރާއްޖެއާ ދެ ގައުމުން ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ކުރަމުން ގެންދާ މަސައްކަތްތައް ނިންމައި މިއަަހަރުގެ ޖޫން މަސް ހާ ތަނުގައި އެއްބަސްވުމުގައި ސޮއިކުރެވޭވަރު ވާނެ ކަމަށެވެ.
ރާއްޖެއިން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ހޮންގކޮންގ އާއިއެކުވެސް ގެންދަނީ މަޝްވަރާ ކުރަމުންނެވެ. މިނިސްޓަރު ސަޢީދު ވިދާޅުވެފައި ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާއަށާއި އިނގިރޭސިވިލާތް އަދި ޖަޕާނަށްވެސް ސަރުކާރުން މިހާރު ދައުވަތު ދެއްވާފައިވާނެ ކަަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ޤައުމުތަކަކީ ރާއްޖޭގެ މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް މިހާރުވެސް ގަންނަމުން ގެންދާ ޤައުމުތަކެވެ. މިފަދަ އެއްބަސްވުންތައް އެކުލަވާލައި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އެއްވެސް ޑިޔުޓީއެއް ނުނަގާ ގޮތަށް ހަމަޖެހިއްޖެ ނަމަ މަހަށް ލިބޭ އަގު ބޮޑުވެ އެކަމުގެ ފައިދާ މަސްވެރިކަމުގެ މުޅި ސިނާއަތަށް ކުރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވެއެވެ.