Advertisement
ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 00:39
ދޫނިދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގެ ތެރެއިން
ދޫނިދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ދޫނިދޫ
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްކުރާނީ ދޫނިދޫގެ މުވައްޒަފުން

ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކިއެކި ބޭނުންތަކުގައި ދޫނިދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު އަޅުކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ހޯމަ ދުވަހު ހެނދުނު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިސްކިތުގެ ބިންގާ ރަސްމީކޮށް އަޅުއްވާ ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒުލީން އަޙުމަދާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަޙުމަދު ޒިޔާދު ބާގިރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ދެއްކެވި ވާހަކަފުޅުގައި ފުލުހުން ދީނީ އަޅުކަންތަކަށް ފަރުވާ ބެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން ދީނީ ކަންކަމުގައި ފަރުވާ ބެހެއްޓުމަކީ އޯގާތެރި އިޚްލާސްތެރި ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ކޮންމެހެންވެސް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި ދޫނިދޫގައި އިމާރާތްކުރެވޭ މިސްކިތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ހުރިހާ ފުލުހުންނާއި މުވައްޒަފުންވެސް ދީނީ ކަންކަމުގައި މަޝްޢޫލެވެ އުޅުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

ދޫނިދޫގައި އިމާރާތްކުރެވޭ މިސްކިތުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އެތަނުގައި ބިނާކުރެވޭ މިމިސްކިތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލައަށެވެ.

ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން ނަމާދުކުރުމަށް މިހާރު ބޭނުންކުރަމުންދަނީ ކުރިން ފުލުހުންގެ ބެރެކްސްއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އަލަށް އިމާރާތްކުރެވޭ މިމިސްކިތުގެ ސަބަބުން ގިނަ މުވައްޒަފުންނަށް އެކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ދޫނިދޫ މިސްކިތުގެ ބިންގާ އެޅުމަށް އޮތް ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އިންޓެގްރޭޓެޑް ސަރވިސަސްގެ އިސްވެރިންނާއި އެ ކޮމާންޑުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް