ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގެ ރައްޔިތުން ހައްޖުވުމަށް މައްކާއަށް ދިއުން ސައުދީ އަރަބިއާއިން މަނާ ކޮށްފިއެވެ.
ސައުދީން ޑީއާރްސީގެ ރައްޔިތުން ހައްޖުވުމަށް މައްކާއަށް ދިއުން މަނާކޮށްފައިވަނީ ނުރައްކާތެރި އެބޯލާ ވައިރަސް ޑިސީސް (އީވީޑީ) އެބޯލާ ހައްޖާޖީންގެ ތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށެވެ.
ސައުދީން މިކަން އިއުލާނު ކޮށްފައިވަނީ އެގައުމުގެ ހާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައެވެ. މިގޮތަށް އަމަލުކުރަން ނިންމާފައި މިވަނީ ދުނިޔޭގެ ސިއްހަތު ޖަމީއްޔާއިން ޑީ.އާރް.ސީ ގައި ފެތުރެމުންދާ އެބޯލާ ވައިރަހަކީ ބައިނަލް އަގްވާމީ ގޮތުން ކަންބޮޑުވުން އޮތް އާންމު ސިއްހަތުގެ އިމަރޖެންސީއެއް ކަމަށް ޖުލައި 17 ވަނަ ދުވަހު އިއުލާން ކުރި ފަހުންނެވެ.
ހައްޖާޖީންގެ ސިއްހަތު ރައްކާތެރި ކުރުމަށް ޑީއާރްސީން އެތެރެވާ މީހުންގެ ވިސާ ގަބޫލުކުރުން ވާނީ މަނާކޮށްފައި ކަމަށް ސައުދީގެ ހާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި އިއުލާނުގެ ސަބަބުން ހައްޖުވުމުގެ ފުރުސަތު ގެއްލިފައިވަނީ ކިތައް މީހުންގެ ކަމެއް ނޭނގެއެވެ.
ޑީ.އާރް.ސީ ގައި ފެތުރެމުންދާ އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުގެ ސިއްހީ އެހީތެރިންނާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އދ ގެ އެހެން ޖަމިއްޔާތަކުގެ އިތުރުން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އާއި އިންޓަނޭޝަނަލް އޮފީސް އޮފް މައިގްރޭޝަން އަދި އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެކި ގައުމުތަކުގެ ކަމާބެހޭ މާހިރުން ދަނީ ހަރަކާތްތެރިވަމުންނެވެ.