ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 01:13
ބުރްޖް ހަލީފާ ރާއްޖޭގެ ދިދަ ދިއްލާލާފައި
ބުރްޖް ހަލީފާ ރާއްޖޭގެ ދިދަ ދިއްލާލާފައި
ރާއްޖެއެމްވީ
މިނިވަން ދުވަސް
ދުނިޔޭގެ އެންމެ އުސް އިމާރާތުގައި ރާއްޖޭގެ ދިދަ!
އެއް މިނެޓަށް ދިދަ ދިއްލާފައި ހުރި
އިމާރު ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެއް
މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ

މަގުތަކުގެ ދެފަރާތުގައި ގައުމީ ދިދައެވެ. ރޭގަނޑުގެ އަދިރިކަން ފަޑުކޮށްލަނީ މިދުވަހާ ގުޅިގެން ދިއްލާ އެކިކުލަ ކުލާގެ ބޮކިފަތިތަކުންނެވެ. މިޖަރީތަކުން އުފާވެރިކަމާއި، މިނިވަންކަން އިތުރަށް އިހުސާސް ކުރެވިގެންދެއެވެ. މިނިވަންވިކަމުގެ އުފާ ރާއްޖޭއާ ރާއްޖޭން ބޭރުގެ ގައުމުތަކުގައި ތަފާތު ގޮތްގޮތަށް ދަނީ ފާހަގަކުރަމުންނެވެ. ދިވެހި ސަގާފީ ނެށުންތަކާއެކު ޑްރާމާތަކުންނެވެ. ހެވިކަމުގެ ކުޅިވަރުތަކުންނާއި، ބަތޮލުން ދެއްކި ހިތްވަރުގެ ގަދަ ވާހަކަތަކުންނެވެ. މިއަހަރު ފާހަގަކުރާ 54 ވަނަ މިނިވަން ދުވަސް ފޯރިގަދަވެފައިވާއިރު، މިއަހަރުގެ މިނިވަން ދުވަސް މިވަނީ ޚާއްސަ ހަރަކާތަކުން މާބޮޑަށް ވެސް ޚާއްސަވެފައެވެ.

ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތުގައި ރާއްޖޭގެ ދިދަ މިވަނީ ދިއްލާލާފައެވެ.

ދުބާއީ ގަޑިން 9:10 ގައި އަދި ރާއްޖެ ގަޑިން 10:10 އެއް މިނެޓް ވަންދެން ބްރުޖުހަލީފާގެ އެންމެ ތިރިން ފެށިގެން އެންމެ ކޮޅާ ފެނިގެން ދިޔައީ ދިވެހި ގައުމީ ދިދަ އެވެ. މިމަންޒަރު ބެލުމަށްޓަކައި އެސަހަރައްދަށް އެކި ގައުމުތަކުގެ މީހުން ޖަމާވިއެވެ.

163 ފްލޯރ ހިމެނޭ ބުރުޖް ހަލީފާގައި ރާއްޖޭގެ ދިދަ ދިއްލާލި ފޮޓޯތައް މިވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެގެން ގޮސްފައެވެ. ގިނަ ބައެއްގެ ސަމާލުކަމަށް ފޮޓޯތައް ހުއްޓިފައިވާއިރު، ރާއްޖޭގެ ދިދަ ދުނިޔޭގެ އެންމެ ބޮޑު އިމާރާތުގައި ދިއްލިގެން ދިއުމަކީ ފަހުރެއް ކަމަށް ގިނަ ދިވެހިން ގަބޫލުކުރެއެވެ.

ރާއްޖޭގެ ޔޫއޭއީގެ އެމްބަސީން ބުނީ 54 ވަނަ މިނިވަން ދުވަހާއި ގުޅިގެން ބުރިޖް ހަލީފާގައި ގައުމީ ދިދަ ދިއްލައި، މިދުވަސް ފާހަގަކޮށްދީފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އިމާރު ކުންފުނިން މިދުވަސް ޚާއްސަކޮށް ފާހަގަކޮށްފައިވާތީ ޔޫއޭއީގެ އެމްބަސީން ވަނީ ޚާއްސަކޮށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ ދިވެހި ސަރުކާރުން ފައިސާ ހަރަދުކޮށް ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވައި ފޮރިން މިނިސްޓްރީ ބުނީ މިއީ ރާއްޖެއާއި ދުބާއީގެ އޮތް އެކުވެރި ގާތްގުޅުމުގެ ސަބަބުން ޔޫއޭއީން ކޮންސްޓަރަކްޝަން އެންމެ ބޮޑު ކުންފުނި ކަމަށްވާ ''އިމާރުން'' އިސްނަގާގެން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމަށާއި، މިއީ ފައިސާ ހަރަދު ކުރި ކަމެއް ނޫން ކަމަށެވެ. ޕްރޮޖެކްޓަކުން މުޅި އިމާރާތުގައި ރާއްޖޭގެ ދިދަ ދިއްލާލީ ދުބާއީގައި ދިރިއުޅެމުން ގެންދާ ދިވެހިންނަށް ވެސް މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ދުނިޔޭގެ ގައުމުތަކަށް އަންނަ މުނާސަބު ދުވަސްތަކާ ގުޅިގެން އެދުވަހަކާ ގުޅޭ ގޮތަކަށް ބުރުޖް ހަލީފާ ދިއްލާލައެވެ. ނަމަވެސް މިއީ ރާއްޖޭގެ ދިދަ މިގޮތަށް ދިއްލި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޔޫއޭއީ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައެވެ. އެގޮތުން ދިވެހިންނަށް ވިސާއާ ނުލާ ޔޫއޭއީއަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސާފައެވެ.

ޔޫއޭއީގެ ދުބާއީއަކީ ދިވެހިންވެސް ވިޔަފާރީގެ ބޭނުންތަކަށާއި ޗުއްޓީއަށް ގިނައިން ގޮސް އުޅޭ ތަނެކެވެ. ދެގައުމުގެ ގުޅުން ބަދަހިވެގެން ދިއުމާއެކު އެގައުމުން ރާއްޖޭއަށް ވިޔަފާރީގެ އިތުރުން، ތަރައްގީގެ ހުރިހާ ދާއިރާއަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

- ކޮމެންޓް
28 ޖުލައި 2019 | އާދީއްތަ 21:56
އިންސާނާ
މިކަމަކައް ދައުލަތުން އެއްވެސް ހަރަދެއްނުކުރޭ އެކަމަކު މިއަހަރައް ކަނޑައެޅި ބަޖެޓު ހުސްވެއްޖެކަމައް ދައުލަތުގެ އިސްފަރާތްތަކުން ބުނަމުންދަނީ ހެހެހެހޭ