ރައްޔިތުން ބަލަން ޖެހޭނެ ހަމައެކަނި ކަމަކީ ފަސް އަހަރުން އެއްފަހަރު ވެރިކަމަށް ގެންނާނެ ބޭފުޅެއްގެ މައްސަލައެއް ނޫނެވެ. ފަސް އަހަރަކަށް ގައުމުގެ ވެރިކަން ބޭފުޅާ ހަވާލުކުރަނީ ރައްޔިތުންނެވެ. އެހެން ކަމުން ފަސް އަހަރުގެ ދައުރެއްގައި ސަރުކާރު ހިނގާފައި އޮތް ގޮތް ރައްޔިތުންނަށް އެނގެންޖެހޭނެއެވެ. ރައްޔިތުންގެ ފައިސާއިން ހިންގާފައިވާ ކުންފުނިތައް ހިނގާދިޔަ ގޮތް ވެސް ރައްޔިތުން ބަލަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވަކި ތަރުތީބަކުން ގެންދަނީ ހާޒިރު ކުރަމުންނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ކޮމެޓީއަށް ހާޒިރު ކުރުމުން ފާއިތުވެދިޔަ 5 އަހަރު ކުންފުނި ހިނގާދިޔަ ގޮތް ކިޔާދެއްވާއިރު ހައިރާންކަން ދަނީ އިތުރުވަމުންނެވެ.
ބައެއް ކުންފުނިތަކަށް އިންތިހާބާ ދިމާކޮށް އެއްދުވަހުން 150 މީހުންނަށް ވަޒީފާ ދީފައި އެބަހުއްޓެވެ. އަދި ގޮނޑިއެއް މޭޒެއްނެތި ކުރާނެ މަސައްކަތްތަކެއް ނެތި މީހުންނަށް ވަޒީފާދީފައި އެބަހުއްޓެވެ. ކުންފުނީގެ ބަޖެޓުން ކުރަން ނުޖެހޭ ޚަރަދުތައް އެހެން ކަންކަމަށް ކުރުވައިފައި އެބަހުއްޓެވެ. ސިޔާސީޕާޓީއެއްގެ އޮފީސް ހަދަން ހަރަދު ކޮށްފައިވާ ކުންފުނިތައް އެބަހުއްޓެވެ.
އެއްވެސް ޕްލޭނެއް ނެތި ޓޫރިސްޓް ވިލެޖެއް ހެދުމުގެ ނަމުގައި ދަނގަޑު އޮނިގަނޑެއް ހެދުމަށް އެއް މިލިޔަން ޑޮލަރު ޚަރަދު ކުރި ކުންފުންޏެއް އެބައޮތެވެ. އެކުންފުންޏަށް ޖަމާވާން ނުޖެހޭ އެތައް ބައިވަރު ޑޮލަރެއް ޖަމާވެފައި އެބަހުއްޓެވެ. ވާނުވާ ނޭނގޭ އެތައް ކަމަށް ތަކުރާރުކޮށް ޚަރަދުކޮށްފައި ލިޔެކިޔުންތައް ގެއްލުވާލައިފައި އެބަހުއްޓެވެ.
ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމެޓީ( އެސްއޯއީ ކޮމެޓީ) އަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކުންފުނިތަކާ ގުޅުން އޮތް ކޮމެޓީއެވެ. އެކޮމެޓީގެ މުގައްރިރަކީ އެމްޑީޕީ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބެވެ. އިލިޔާސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައްތިރީހަށް ވުރެގިނަ ކުންފުންޏާ ގުޅުން ހުރި މައްސަލަތައް އެކޮމެޓީން ދެނެގަންނާނެއެވެ. އެކަން ދަނީ ކުރަމުންނެވެ.
އިލިޔާސް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި ކަންކަން ބަލާ ތަހްގީގު ކުރާނީ އެކޮމެޓީއަކުންނޫނެވެ. އެކަން ކުރަމުންގެންދަނީ ނެޝަނަލް އެސެޓް ރިކަވަރީ ކޮމިޝަނާ ފުލުހުންނާ އެސީސީއިންނެވެ. އެހެން ނަމަވެސް ކޮމެޓީއަށް އެތަހްގީގު ލަސްކަމަށް ފާހަގަ ކުރެވޭނަމަ ނުވަތަ ވަކި ކަމަކާ ގުޅިގެން މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެކަމާ ގުޅުންހުރި ކުރީގެ ވެރިން ހާޒިރުކޮށް ސުވާލު ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.
ރައްޔިތުން ބޭނުންވާނީ ޓީވީ ކުރިމަތީގައި ރައްޔިތުން ހިތުގައި އޮތް ސުވާލަށް ޖަވާބު ހޯދޭނެ މެމްބަރުންތަކެއް މަޖިލީހުގައި ކޮމެޓީތަކުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ. ނަތީޖާ ހޯދުމަށެވެ.