ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް އުތުރު ކޮރެއާއިން ދެ މިސައިލް ޓެސްޓް ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
އުތުރު ކޮރެއާއިން ޓެސްޓް ކޮށްފައިވަނީ ކުރު ރާސްތާއަށް ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ ދެ މިސައިލެއް ކަމަށް ދެކުނު ކޮރެއާއިން ބުނެފައިވެއެވެ.
އުތުރު ކޮރެއާއިން ޓެސްޓް ކުރި ދެ މިސައިލް ވެއްޓިފައި ވަނީ 430 ކިލޯމީޓަށް ދަތުރު ކުރުމަށްފަހު ޖަޕާނުގެ ކަނޑުގެ ސަރަހައްދަށެވެ. މިސައިލްތައް ޓެސްޓް ކޮށްފައި ވަނީ އެ ސަރަހައްދުގައި ދެކުނު ކޮރެއާ އަދި އެމެރިކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.
އުތުރު ކޮރެއާގެ އާމްސް ކޮންޓްރޯލް އެކްސްޕާޓް ޖެފްރީ ލިވިސް ވިދާޅުވީ، ދެކުނު ކޮރެއާގެ ގާއިމްވެ ތިބޭ އެމެރިކާގެ ސިފައިންނާއި އެމީހުންގެ މަރުކަޒުތައް ހަލާކު ކޮށްލުމުގެ ބާރު، ޓެސްޓުކުރި ދެ މިސައިލަށް އެކަނިވެސް ލިބިގެންވާ ކަމަށެވެ.
ޓެސްޓު ކުރި ކޭއެން-23އެސް އަކީ ކުރު ރާސްތާއަށް ހަމަލާ ދޭން ބޭނުންކުރާ ނިއްކްލިއާ މިސައިލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ނަމަވެސް ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ވަނީ މިކަން ދޮގުކޮށްފައެވެ. އެގޮތުން، އުތުރު ކޮރެއާގެ މިސައިލްތައް އެގައުމުގެ ކަނޑުގެ ސަރަހައްދަށް ފޯރާފައި ނުވާ ކަމަށާ އެކަމުގެ ސަބަބުން އެގައުމަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
އުތުރު ކޮރެއާގެ އެ އަމަލު ކުށްވެރިކޮށް، ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ދެކުނު ކޮރެއާއިން ގޮވާލާފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
