ނިއުކާސްޓަލް ޔުނައިޓެޑުން ކްލަބްގެ ރެކޯޑް ފީ އަކަށް ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ޖޮލިންޓަންގެ ސޮއި ހޯދައިފިއެވެ.
ޖޮލިންޓަންއަކީ ކްލަބުގެ އައު ކޯޗު ބްރޫސް ކޯޗު ކަމާ ހަވާލުވިފަހުން ކުލަބާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. ޖޮލިންޓަން ނިއުކާސްޓަލް ޔުނައިޓެޑަށް ބަދަލުވީ 40 މިލިއަން ޕައުންޑަށެވެ. ނިއުކާސްޓަލް އާއި އެކު ޖޮލިންޓަން ވަނީ ހަ އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ.
ނިއުކާސްޓަލްއަށް ބަދަލު ވުމަށް ފަހު ޖޮލިންޓަން ބުނީ ނިއުކާސްޓަލްއަށް ބަދަލުވެވުމުން ހިތްހަމަ ޖެހިފައި ހުރިކަމަށާއި ނުވަ ނަމްބަރު ޖާރޒީ ލާންޖެހުމުން އެއީ ބޮޑު މަސްއޫލިއްޔަތެއްކަން އިނގޭ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކުލަބުން އޭނާ އަށް ކޮށްފައިވަނީ ބޮޑު ހޭދައެއްކަން އޭނާއަށް އިނގޭ ކަމަށާއި ކުލަބުގެ މެނޭޖްމަންޓުން އޭނާގެ ފަރާތުން ފެންނަން އުންމީދުކުރި ކުޅުން އޭނާ ދައްކާނެ ކަމަށެވެ.
ނިއުކާސްޓަލްގެ ކޯޗު ބުރޫސް ބުނީ ޒުވާން ކުޅުންތެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ހުރިހާ ކަމެއް ޖޮލިންޓަންގެ ފަރާތުން ފެނިގެންދާ ކަމަށާއި އޭނާގެ ޓްރާންސްފަރ ގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަ ވެގެން ދާނެކަމަށެވެ.
ޖޮލިންޓަން ވަނީ ހޮފެންހަމްއަށް މިދިޔަ ސީޒަނުގައި ކުޅުނު 35 މެޗުން އެޓީމަށް 11 ލަނޑު ކާމިޔާބު ކޮށްދީފައެވެ.