ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 08:08
އެފްއޭއެމް އިދާރާ
އެފްއޭއެމް އިދާރާ
ވީނިއުސް
ޤައުމީ ކުޅިވަރު އަޑިއަޅާލުން
ޤައުމީ ކުޅިވަރު އަޑިއަޅާލަން މެދުވެރިވީ ވެރިންގެ އިހުމާލުންތަ؟
އައިއޯއައިޖީގައި ކުޅުނު ހުރިހާ މެޗަކުންވީ ބަލި
ފުޓުބޯޅައިގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދަށަށް
ވެރިންގެ އިހުމާލު ވަނީ ބޮޑު ވެފައި

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2019 ފެށިގެން ކުރިއަށްދަނީ އެވެ. ދިވެހިރާއްޖެއިން ވެސް ބައިވެރިވާ މި ކުޅިވަރު މުބާރާތުގެ ބައެއް ކުޅިވަރު އިވެންޓްތައް މިހާރު ނިމިއްޖެއެވެ. އަދި އަނެއްބައި އިވެންޓްތައް ވެސް ނިމުމަކާ ގާތްވަނީ އެވެ.

ރާއްޖެއިން ލޯ މެޑަލްތަކެއް ހޯދައިފިއެވެ. ރިހި މެޑަލެއްވެސް ހޯދައިފިއެވެ. ނުވިތާކަށް މުޅީން އަލަށް ޓީމު އިވެންޓަކުން ރަން މެޑަލްވެސް ހޯދައިފިއެވެ. ދިވެހިރާއްޖޭގެ ކުޅިވަރު އެތުލީޓުން ތިބީ ވަރަށް ފޯރީގައެވެ. މަތިމައްޗަށް ރެކޯޑުތައް މުގުރަނީއެވެ. އެހެން ނަމަވެސް، އެ ކުޅިވަރަކާ ދިވެހީންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ، އަދި އެ ކުޅިވަރަކުން ދިވެހީންގެ ލޭ ކައްކުވާލާ ދިވެހީންގެ ރަސްމީ ކުޅިވަރަށްވީ ކިހިނެއްތޯއެވެ؟

އައި.އޯ.އައި.ޖީގެ ފުޓްބޯޅަ އިވެންޓުން ސީދާ 3 މެޗުން ބަލިވެ މުބާރާތާ ދިވެހި ޓީމު އަލްވަދާއުކީ އިރު ދެން އިތުރަށް ދައްކާނެ މާގިނަ ބަހަނާއެއް ނެތެވެ. ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ބޮޑު ހޭދައެއްކުރާ ކުޅިވަރަށް މި ޙާލުޖެހުނުއިރު، ވަސީލަތްތަކުގެ ނިސްބަތުން މާބޮޑަށް ފަހަތުގައިވާ އެހެނިހެން ކުޅިވަރުތަކުން ދިވެހި ޤައުމު ހެއްވާލައިފިއެވެ.

ދިވެހިރާއްޖޭގައި މިއަދު އެތައް ކުޅިވަރުތަކަކުން ނުލާހިކު މޮޅު ދިވެހީން އެބަތިއްބެވެ. އަދި ވަރުގަދަ ކުޅިވަރު އެސޯސިއޭޝަންތައް ވެސް އެބަހުއްޓެވެ. އެހުރިހާ ބަޔަކަށް ނުހަނު އިހްތިރާމް ކުރާ ހާލު ދަންނަވާލަން ޖެހެނީ، ދިވެހީންގެ ތެރޭގައި އަދިވެސް އެންމެ މަޤްބޫލު ކުޅިވަރަކީ ފުޓްބޯޅަކަމެވެ. ދިވެހީން އެންމެ ބޮޑަށް ފޯރިނަގާ ކުޅިވަރަކީ ވެސް ފުޓްބޯޅަ އެވެ. ކުޑަކުދީންނާއި ބޮޑެތިމީހުންނާއި ހަރު ޢުމުރުގެ މީހުން އެކުލެވިގެން ވެސް އެންމެ ގިނަ ދިވެހީން ކުޅޭ ކުޅިވަރަކީ ވެސް ބަލާ ކުޅިވަރަކީ ވެސް ފުޓްބޯޅައެވެ. ދިވެހި ޤައުމުގެ ރަސްމީ ކުޅިވަރުގެ ގޮތުގައި ފުޓްބޯޅަ އޮންނަނީ މި ސަބަބުތަކަށްޓަކައެވެ. މިކަން މިހެން އޮންނައިރު، މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ފުޓްބޯޅައަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ކޮންމެ ފަހަރަކު ތަށި ނަގާކަށް ނުޖެހެއެވެ. ކޮންމެ ފަހަރަކު ރަން މެޑަލް ނުހޯދިދާނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެހެން ނަމަވެސް ބައިކޮޅަށް 10 ލަނޑު ވަދެ، އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތް ނިންމާލަންޖެހުމަކީ ތަންކޮޅެއް ބޮޑުވަރު ނޫންތޯއެވެ؟ މިއީ ދިވެހީންގެ ރަސްމީ ކުޅިވަރުވިއްޔާއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް

ދިވެހި ފުޓްބޯޅަ މި ހާލަތަށް ވެއްޓެން ޖެހުނީ ކީއްވެގެންތޯ އެއީ މިއަދު އަޅުގަނޑުމެން ހިތާހިތާ ނުކޮށް ދޫކޮށްލެވޭވަރު ސުވާލެއް ނޫނެވެ. މިއީ ކުޅުންތެރިންގެ މައްސަލައެއްތޯއެވެ؟ ނޫނީ ކޯޗުގެ މައްސަލައެއްތޯއެވެ؟ ހަމަ ޔަގީނުންވެސް މި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނާއެކު މިހާރު ހުރި ކޯޗު ވަނީ މި ޤައުމަށް ސާފު ޗެމްޕިއަންޝިޕް ތަށި އަނބުރާ ގެނަސްފައެވެ. 10 އަހަރުގެ މެދުކެނޑުމަކަށް ފަހު 2 ވަނަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނީ ކުޅުންތެރިންނާއި، ކޯޗު އަދި މެނޭޖްމަންޓްގެ ބުރަ މަސައްކަތުންކަން ޔަގީނެވެ.

އެހެން ނަމަވެސް، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ލީގާ މެދު ވިސްނާލަބަލާށެވެ. އަހަރަކު އެއްފަހަރު ލީގު ފޯމެޓް ބަދަލު ކުރަމުންގޮސް ވީކަމެއް ކަމެއް ނޭނގެއެވެ. ރާއްޖޭގެ އެންމެ ކާމިޔާބު 3 ކްލަބު ވެސް މިވަގުތު އޮތީ އަނދަވަޅަކަށް ވެއްޓިފައެވެ. ދެން ހުރި ކްލަބުތަކުން ވެސް ގަދައަޅާ މަސައްކަތް ކުރަމުންދަނީ ލީގުގެ ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާ ލެވޭތޯއެވެ. އެހެން ނަމަވެސް، ލީގުގެ ފޯރި ހިފަނީ އެންމެ ވަރުގަދަ 2 ކްލަބު ނުވަތަ 3 ކްލަބެއް ދެމެދު ކުޅޭ މެޗުތަކުގައި އެކަންޏެވެ. އެ މެޗުތަކުގައިވެސް ދަނޑުގެ 50 އިންސައްތަ ވެސް ފުރާނުލެވެއެވެ. ލީގުގެ ފޯރި ހިފެހެއްޓުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. ކުރީ އަހަރުތަކަށް ވުރެ މިއަހަރު ލީގުގެ ހާލަތު ރަނގަޅެވެ. އެކަމަށް ފުޓްބޯޅަ އެސޯސިއޭޝަނަށް ތަހުނިޔާ ވެސް ކިޔަމެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގެ ފުޓްބޯޅަ ލީގު އޮންނަންޖެހޭ ހާލަތެއް ނޫނެވެ. ޤައުމީ ޓީމުގެ ފެންވަރު ރަނގަޅު ކުރެވޭނީ ޤައުމީ ލީގަކީ ފޯރިގަދަ ލީގަކަށް ވެސް ވެގެންނެވެ. ކްލަބުތަކުގެ ވާދަވެރިކަން އޮވެގެންނެވެ. އަތޮޅުތެރޭގެ ޓީމުތަކަށް ވެސް ފަސޭހަ ފޯމެޓެއްގެ ދަށުން ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލެވޭގޮތް ވެގެންނެވެ. އެއްއަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެފައި އަނެއް އަހަރު މިނިވަން ޗެމްޕިއަންޝިޕް ކުޅެންވީމާ، އަތޮޅުތެރޭ ޓީމުތަކުގައި ކުޅުންތެރިން ހަރުލާގޮތެއް ނުވާނެއެވެ. އަދި އަތޮޅުތެރެއިން އުފެދިގެން އަންނަ މޮޅު ކުޅުންތެރިން ވެސް ގެއްލިގެންދަނީ ލޯބިޖެހިފައިވާ ރަށު ޓީމު ނުވަތަ އަތޮޅު ޓީމު ދޫކޮށް އެހެން ޓީމަކަށް ކުޅެން ބޭނުން ނުވާތީއެވެ.

އައިއޯއައިޖީ ފުޓުބޯޅަ މުބާރާތުގެ ތެރެއިން

ޒުވާން ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުޞަތު ދިނުމަކީ ވެސް ރާއްޖޭގައި ވަރަށް މަދުކަމެކެވެ. މިފަހަކަށް އައިސް ޒުވާން ކުޅުންތެރިން ޤައުމީ ސްކޮޑަށް ނަގަން ފަށައިފިއެވެ. އެއީ ކުރިމަގަށް ބަލާއިރު ފައިދާކުރާނެ ކަމެކެވެ. މުބާރާތްތައް ދެ ބަޔަކަށް ބަހާލައި، އެއްބައި މުބާރާތްތަކަށް ޒުވާން ޓީމު ފޮނުވައި، އަނެއްބައި މުބާރާތްތަކަށް ސީނިއާ ޓީމު ފޮނުވަން ފަށަންވެއްޖެއެވެ. އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުންދަށުގެ ޓީމު ފޮނުވަން ފެށުމުގެ ނަތީޖާއަކަށްވީ މާގިނަ އަހަރުތަކެއްނުވެ، އެ ޤައުމުން އަނެއްކާ ވެސް އޭޝިއަން ކަޕުގައި ވާދަކުރުމެވެ. މިއީ ދިވެހިރާއްޖޭން ވިސްނަންވެއްޖެ ކަމެކެވެ.

އަލީ ފާސިރު

ދިވެހި ފުޓްބޯޅައިގެ ރަސްމީ އިދާރާ، އެފް.އޭ.އެމުން މިއީ މިހާރުން މިހާރަށް ވިސްނަންވީ ކަމެކެވެ. ތަހުނިޔާ ކިޔާ ބީދައިން ފާޑުވެސް ކިޔާނެއެވެ. ޤައުމީ ކުޅިވަރު ވެއްޓިފައިވާ އަނދަވަޅަށް ވެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ފަރާތަކީ އެފް.އޭ.އެމް އެވެ. އަދި އެ އަނދަވަޅުން ސަލާމަތް ކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާ ވެސް ނަގަންޖެހޭނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް