ކ. މާލެ
|
24 ޖުލައި 2019 | ބުދަ 16:24
އައިއޯއައިޖީ ގޭމްސްގެ ތެރެއިން
އައިއޯއައިޖީ ގޭމްސްގެ ތެރެއިން
އެމްއޯސީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ޑަބަލްސްގެ ކުއާޓާ ފައިނަލަށް
އަންހެން ދެ ޕެއާ މެޑަލް ހޯދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ

މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އިން ގްރޫޕުގެ އެއް ވަނައިގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޓީމު އިވެންޓުން ރަން މެޑަލް ހޯދި އަންހެން ޓީމުގެ ހަތަރު ކުޅުންތެރިން ވެސް ޑަބަލްސްގެ ގަދަ އަށް ޕެއާގެ ތެރޭގައި ހިމެނުމާ އެކު މި އިވެންޓުން ވެސް މެޑަލް ހޯދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެ އެވެ.

ރަފާ އާއި ދީމާގެ ޕެއާ އިން ގްރޫޕުގެ އެއް ވަނަ ހޯދީ، ތިން ޕެއާ ވާދަކުރި ގްރޫޕުގެ ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުން މޮރިޝަސް އަތުން މޮޅުވީ ފަހަތުން އަރައި 3-2 ސެޓުންނެވެ. ސްކޯއަކީ 8-11، 3-11، 11-8، 11-5 އަދި 14-12 އެވެ. އެ ޕެއާ ދެ ވަނަ މެޗުން މޮޅުވީ ސީޝެލްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސްކޯއަކީ 11-6، 11-5 އަދި 11-4 އެވެ.

މުއީނާ އާއި ޖުމާނާ ވަނީ ހަތަރު ޕެއާ ހިމެނުނު އެ ގްރޫޕުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުން މޮރިޝަސް އަތުން މޮޅުވީ 11-9، 11-8، 13-11 ގެ ސްކޯއަކުން ސީދާ ތިން ސެޓުންނެވެ. ދެ ވަނަ މެޗުން ރިޔޫނިއަން މޮޅުވީ 3-1 ސެޓުންނެވެ. ސްކޯއަކީ 11-5، 11-3، 12-14 އަދި 11-7 އެވެ. ފަހުން މެޗުން މޮޅުވީ މަޑަގަސްކަރައާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސްކޯއަކީ 11-3، 11-7 އަދި 11-7 އެވެ.

އައިއޯއައިޖީ ގޭމްސްގެ ތެރެއިން

ކުއާޓާ ފައިނަލުގައި ބުދަ ދުވަހު މެންދުރު ފަހު ރަފާ އާއި ދީމާ ބައްދަލުކުރަނީ މޮރިޝަސްގެ ޑެސްކޭން އިވާނާ އާއި ރަމަސޯމީ ކެރޯލީންގެ ޕެއާއާ އެވެ. މުއީނާ އާއި ޖުމާނާ ވާދަކުރާނީ މޮރިޝަސްގެ ހޮސެނަލީ އޫމެހާނީ އާއި ޖަލިމް ނަންޑެޝްވާރީއާ އެވެ. ދެ ޕެއާ ވެސް ކުއާޓާގެ ދެ ފަޅިއެއްގައި އޮތުމުން، ކުއާޓާ އިން މޮޅުވިޔަސް ސެމީގައި އެއްކޮށް ވާދަކުރަން ނުޖެހޭނެ އެވެ. އެކަމަކު ސެމީން މޮޅުވެއްޖެ ނަމަ ގޯލްޑް މެޑަލް މެޗުގައި ނުވަތަ ބްރޮންޒް މެޑަލް މެޗުގައި ވާދަކުރަން ޖެހޭނެ އެވެ.

ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ ފިރިހެން ދެ ޕެއާ އަށް ކުއާޓާ ފައިނަލުން ޖާގަ ނުލިބެ އެވެ. މުހައްމަދު ޒީސްތު ނަސީމާއި މުންތިފް އަހުމަދުގެ ޕެއާ އަދި މޫސާ މުންސިފާއި ޝައްފާން އިސްމާއިލްގެ ޕެއާ ވެސް ދިޔައީ ގްރޫޕުގެ ތިން ވަނަ އަށެވެ. ޒީސްތު އާއި މުންތިފްގެ ޕެއާ އިން މޮރިޝަސް އަތުން 3-1 އިން އަދި ރިޔޫނިއަން އަތުން ހަމަ އެ ނަތީޖާ އިން ބަލިވި ނަމަވެސް ފަހު މެޗުން މަޑަގަސްކަރަ އަތުން 3-1 އިން މޮޅުވި އެވެ. މުންސިފާއި ޝައްފާންގެ ޕެއާ ދެ މެޗުން ވެސް ބަލިވީ އެވެ. އެއީ މޮރިޝަސް އަދި ރިޔޫނިއަން އަތުން ވެސް ސީދާ ތިން ސެޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް