Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 17:45
ރައީސް ޔާމީން
ރައީސް ޔާމީން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
ކޯލިޝަނަކީ ސިޔާސީ ވަހުތާނެއް ކަމަށް ރައީސް ޔާމީން ވިދާޅުވި
އިދިކޮޅު ލީޑަރުން އެއްގަލަކަށް އެރީ ސަރުކާރާ ދެކޮޅުވުމަށް
ކޯލިޝަން ކުރިއަށްދާންޖެހޭނީ މައިޕާޓީގެ ވިސްނުމުގެ ދަށުން ކަމަށް ރައީސް ޔާމީން ވިދާޅުވި

ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމަށާއި އެހެންކަމުން އެ ބޭފުޅުނަށް އެއްގަލަކަށް ނޭރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވާދަކުރާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނަށް އެއްގަލަ އެރޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އެ ބޭފުޅުން މިވަގުތު އެއްގަލަކަށް އަރާ އެތިއްބެވީ ސަރުކާރާ އިދިކޮޅު ވުމަށް އެކަނި ކަމަށެވެ.

 

"މީގެ ކުރީގަ އެމީހުންނަކީ އެކި ފުށަށް ތިބި މީހުން. މިހާރު އެއްގަލަށް މިއަރަނީ ސަރުކާރާ ދެކޮޅުވާން އެކަނި. އެކަމަކު އެއަށްފަހު އެއްގަލަށް އެރޭނެ އެއްވެސް ގޮތެއް ނެތް. އެއީ އެތާ ތިބީ ހައްތަހާ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ބޭނުންވާ މީހުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރަމުންދަނީ އިހުލާސްތެރި މަސައްކަތްތަކެއް ކަމަށާއި އެހެންކަމުން އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިސްވެރިންގެ އަމިއްލަ ޖާހު ވަރުގަދަ ކުރަން ކުރާ މަސައްކަތެއް ނޫން ކަމަށާއި އަމިއްލަ ތަނަވަސްކަން ވަރުގަދަ ކުރުމަށްކުރާ މަސައްކަތެއް ވެސް ނޫން ކަމަށެވެ.

 

ކޯލިޝަނަކީ "ސިޔާސީ ވަހުތާނެއް" ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަކީ އެހާ ކާމިޔާބު އެއްޗެއް ނޫން ކަމަށެވެ. އަދި ރައީސްކަމުގެ މަގާމުގައި ހުންނެވޭނީ އެއްބޭފުޅަކަށް ކަމަށާއި ކޯލިޝަނުން ކުރިއަށް ދާންޖެހޭނީ ވެރިކަންކުރާ ޕާޓީގެ އަދި ރައީސްގެ ވިސްނުމުގެ ދަށުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގެ ކޯލިޝަންގައި އެމްޑީއޭ ފިޔަވާ ދެންތިބި ޕާޓީތައް ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހުނީ އެހަގީގަތް ގަބޫލު ނުކުރާތީ ކަމަށެވެ.

 

"ސަރުކާރުން ހިންގޭނީ ކޮންމެވެސް އެއްބަޔަކަށް، ބަސްކިޔާނީ ކޮންމެވެސް އެކަކު. އޮޑިއެއްގައި ވެސް ފަޅުވެރިން ތިބޭނެ. އެކަމަކު ކައްޕިއަކަށް ހުންނާނީ އެއްކައްޕި. ދެ ކައްޕި ތިބެއްޖިއްޔާ ފަހަރެއްގައި ދެ މިސްރާބަކަށް ދަތުރުކޮށްފާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް