މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ އެތްލެޓިކްސް، 100 މީޓަރު ދުވުމުން ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރު ކޮށްފިއެވެ.
ސާއިދު ފައިނަލަށް ދަތުރުކުރީ ހޯމަ ދުވަހު އޭނާ ދުވި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ސާއިދުވަނީ އެންމެ ފަހުން ބޭއްވުނު އައިއޯއައިޖީގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދާ ރަންމެޑަލް ކާމިޔާބު ކޮށްފައެވެ.
ފައިނަލުގައި ސާއިދު ދުވާނީ ހޯމަ ދުވަހު ހަވީރު ރާއްޖެ ގަޑިން 16:55 ގައެވެ. ސާއިދުވަނީ އެންމެ ފަހުން ބޭއްވި އައިއޯއައިޖީގެ 200 މީޓަރު ދުވުމުން ރިހި މެޑަލްވެސް ކާމިޔާބު ކޮށްފައެވެ.
100 މީޓަރު ދުވުމުގެ އަންހެން ބައިގައި ވާދަކުރި ދެ ކުޅުންތެރިން ވަނީ ފައިނަލަށް ނުގޮސް ކަޓައިފައެވެ. އައިއޯއައިޖީ އަށް ރާއްޖޭގެ އެތްލެޓިކްސް ޓީމު ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.