ޕޯޗުގަލްގެ މެދުތެރޭގެ ޖަންގަލިތަކުގައި ރޯވެ އެތައް ބަޔަކު ގެދޮރު ދޫކޮށްދާން މަޖުބޫރުވުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތަށް އެތައް ސަތޭކަ ފަޔަރ ފައިޓަރުން ނެރެފިއެވެ.
އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެކަކަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައެވެ. މީގެ އިތުރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ހަތް މީހަކަށް ވެސް ހާނީއްކަވެފައިވެއެވެ.
ފަރުބަދަމަތީ ކަސްޓެލޯ ބްރަންކޯ ސަރަހައްދުގެ ތިން ތަނެއްގައި ރޯވެފައިވާ އަލިފާން ނިންވުމަށް ހެލިކޮޕްޓަރާއި މަތިންދާ ބޯޓްދަނީ ބޭނުން ކުރަމުންނެވެ.
އެ ސަރަހައްދުގެ އެއް އަވަށަކުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކޮށްފައެވެ.
އާދީއްތަ ދުވަހު އޮފިޝަލުން ބުނެފައިވަނީ ދެ ތަނެއްގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަޑު ކޮންޓްރޯލް ކުރަން ދަތިވީ ގަދަ ވައިގެ ސަބަބުން ކަމަށް ބެލޯ ކޮސްޓާގެ ސިވިލް ޕްރޮޓެކްޝަން އޮފިޝަލުން އާދީއްތަ ދުވަހު ނޫސްވެރިންނަށް ބުނެފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
