ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރާއި ޙަވާލުކުރުން ލަސްވަމުންދާތީ ފުލުހުން އެ އެއާޕޯޓަށް އަރައި އެތަނުގެ މެނޭޖްމަންޓާ މަޝްވަރާކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެތަން އަތުލަން ސަރުކާރުން މިދިޔަ މަހު ނިންމީ އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ އެވެ.
ސަރުކާރުން ކާޑެއްދޫ އެއާޕޯޓް އަތުލަން ނިންމި ނަމަވެސް ސިވިލް ކޯޓުން ވަނީ މައްސަލަ ނިމެންދެން، ސަރުކާރުގެ އެ ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަމުރެއް ކޮށްފައެވެ. ސިވިލް ކޯޓުގެ އެއަމުރު ފަހުން ވަނީ ހައިކޯޓުން ބާތިލްކޮށްފައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް ހަވާލުކުރުން ލަސްވަމުން ދާތީ ތިނަދޫގައި ތިބޭ ފުލުހުން ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އެއާޕޯޓަށް ގޮސް ސުވާލުކޮށްފައެވެ.
ފުލުހުން ވެސް ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ސަރުކާރާއި ޙަވާލުކުރުން ލަސްކުރަމުންދާތީ އެކަމާ ގުޅިގެން އެއާޕޯޓްގެ މެނޭޖްމަންޓާއި ފުލުހުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާކުރީ ކޮންކަމަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެއާޕޯޓް ސަރުކާރާ ހަވާލުކުރުން ލަސްވެފައިވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވާތީއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 142 މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ހޯމަ ދުވަހުގެ (މިއަދު) ވަގުތެއްގައި ސަރުކާރާ ޙަވާލުކުރާނެއެވެ.
ސިވިލްކޯޓުގެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ނެރުނު އަމުރެއް ކަމަށެވެ.
މައްސަލަ ނިމޭ ގޮތަކުން ވިލާއަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ބަދަލެއް ދޭން ދައުލަތުން ތައްޔާރަށް ތިބި ކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި ވިލާ އެއާ އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނާ ގެއްލުމަކީ ފައިސާ އިން އަގު ކުރެވިދާނެ ފަދަ ގެއްލުންތަކެއް ކަމަށް ހައިކޯޓުން ބުނެފައި ވެއެވެ.
އެއާޕޯޓްގެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ކަންކަން ވިލާ އިން ފުރިހަމަ ނުކުރާތީ ކަމަށާއި އެއީ އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ދައުލަތުން ބުނެފައި ވެއެވެ.