މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބީޗް ވޮލީ ބައިން ރާއްޖޭގެ ބީޗްވޮލީ ޓީމު އެއްމެޗުން މޮޅުވެ އަނެއްމެޗުން ބަލިވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ބީޗްވޮލީ ޓީމު ރިޔޫނިއަންއާއެކު ކުޅުނު މެޗުން އެޓީމު މޮޅުވެފައި ވަނީ ދެ ސެޓު އެއްސެޓުންނެވެ.
މެޗުގެ ފުރަތަމަ ޓައި ރާއްޖެއިން ގެންދިޔައީ 21-19، 14-21 އަދި 10-15 އިންނެވެ. މެޗުގެ ފުރަތަމަ ޓައި ރާއްޖެއިން ގެންދިޔަ ކަމުގައި ވިޔަސް ދެވަނަ މެޗު ކޮމޮރޮސް އިން ވަނީ ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ. އެ މެޗު ކޮމޮރޮސް އިން ގެންދިޔައީ 21-12 އަދި 21-18 އިންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ޓައި ރާއްޖެއިން ކާމިޔާބުކުރީ 21-18 އަދި 21-17 އިންނެވެ.
ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ރާއްޖެ ބަލިވީ ރިޔޫނިއަން އަތުންނެވެ.
ރިޔޫނިއަންއިން މި މެޗުން މޮޅުވީ ސީދާ ދެ ޓައި ކާމިޔާބު ކޮށްގެންނެވެ. ރިޔޫނިއަންއިން މެޗުގެ ފުރަތަމަ ޓައި ގެންދިޔައީ 15-21 އަދި 14-21 އިންނެވެ. ރިޔޫނިއަންއިން ދެވަނަ ޓައި ގެންދިޔައީ 8-21 އަދި 15-21 އިންނެވެ.
ރާއްޖޭގެ ބީޗްވޮލީ ޓީމަށް ހިތްވަރު ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވަނީ ރާއްޖެ ކުޅުނު ބީޗްވޮލީ މެޗު ބައްލަވައިފައެވެ.
އާދީއްތަ ދުވަހު ހެނދުނު ރާއްޖޭގެ ބީޗްވޮލީ ޓީމު ނިކުންނާނީ ގްރޫޕްގެ އެއްވަނައިގައި އޮތް މޮރިޝަސް އާއި ދެކޮޅަށެވެ.