ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 12:54
އަލްޖީރިޔާ
އަލްޖީރިޔާ
ގޫގުލް
ކަޕް އޮފް ނޭޝަންސް
ސެނެގާލް ބަލިކޮށް އަލްޖީރިޔާއިން ކަޕް އޮފް ނޭޝަންސްގެ ތަށި އުފުލައިލައިފި
މި މެޗް އަލްޖީރިޔާއިން ކާމިޔާބު ކުރީ 1-0 ކުން

މިސްރުގައި ކުރިޔަށްދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން، 1-0 ގެ ނަތީޖާއަކުން ސެނެގާލް ބަލިކުރުމަށް ފަހު އަލްޖީރިޔާއިން ހޯދައިފިއެވެ.

މެޗު ފަށައިގެން ދެވަނަ މިނެޓުގައި އަލްޖީރިޔާއިން ވަނީ ލަނޑުޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަގްދާދް ބޮނޭޖާއެވެ. އަލްޖީރިޔާގެ ލަނޑަށްފަހު ސެނެގާލުން އެޓީމުގެ ކުޅުން ރަނގަޅު ކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވެއެވެ.

މެޗުގައި ސެނެގާލުންވަނީ އަލްޖީރިޔާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް މި ހަމަލާތައް ސެނެގާލުގެ ޑިފެންސް އަދި ކީފަރުވަނީ ދިފާއުކޮށްފައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސެނެގާލްއަށް ޕެނަލްޓީއެއް ރެފްރީދޭން ނިންމި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީވަނީ އެނިންމުން ބަދަލުލޮށްފައެވެ.

މެޗައްފަހު ވާހަކަދައްކަމުން އަލްޖީރިޔާގެ ކޯޗު ބުނީ ކުޅުންތެރިން އެކުރި ހިތްވަރާނުލާ މި ކާމިޔާބު ނުލިބޭނެ ކަމަށާއި، އެކުޅުންތެރިންއަށް ކާމިޔާބު ހައްގުކަމަށެވެ.

އަލްޖީރިޔާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު އެޓީމުން އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި އިރު، މިއީ އެޓީމު މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

މިއީ 1990ގެ ފަހުން އަލްޖީރިޔާ ކާމިޔާބުކުރި ފުރަތަމަ މުބާރާތްވެސްމެއެވެ. އަނެއްކޮޅުން ސެނަގާލް އަށް މިހާތަނަށް އެއްވެސް އިންޓަރނޭޝަނަލް މުބާރާތެއް ކާމިޔާބުކުރެވިފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް