މިސްރުގައި މިހާރު ކުރިޔައްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ހުކުރު ދުވަހުގެ ރޭ ސެނެގާލް އަދި އަލްޖީރިޔާ ނުކުންނާނެއެވެ.
ފައިނަލާ ސެނެގާލް ކުރިމަތިލާއިރު އެޓީމުގެ ލިވަރޕޫލް ފޯވާޑް މާނޭ ބުނީ މިއަހަރު އޭނާ ކާމިޔާބުކުރި ޗެމްޕިއަންސް ލީގުގެ ތައްޓައްވުރެ ކަޕް އޮފް ނޭޝަންސްގެ ތަށި އޭނާ އަށް މުހިންމު ކަމަށެވެ. މާނޭ އަކީ މި އަހަރު ލިވަރޕޫލް ޗެމްޕިއަންސް ލީގު ތަށި އުފުލާލި އިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އަލްޖީރިޔާގެ ކޯޗު ބުނީ މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި، އަލްޖީރިޔާގެ ކުޅުންތެރިން ތިބީ ފައިނަލް ކުޅެން ކެތްމަދުވެފައި ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އުންމީދަކީ ރީތި ބަލައިލާ ހިތްވާކަހަލަ ކުޅުމެއްކުޅެ ތަށި ގައުމަށް ގެންދިޔުން ކަމަށެވެ.
އޭނާ އިތުރަށް ބުނީ އަލްޖީރިޔާ އާއި ސެނެގާލް މީގެ ކުރިން ބައްދަލުކުރި މެޗުތަކުން އެޓީމަށް ކުރި ލިބުނަސް މި މެޗުގައި ތާރީހު އެމީހުން ކޮޅަށް ބުރަ ނުވާނެކަމަށެވެ.
މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަކީ 1988 ވަނަ އަހަރަށްފަހު އެފްރިކާ އަށް ނިސްބަތްވާ ދެ ކޯޗުން ޓީމެއްގެ ހެޑް ކޯޗުންގެ ގޮތުގައި ތިބެ ކުޅޭނެ ފުރަތަމަ ފައިނަލެވެ.
އަލްޖީރިޔާ ފައިނަލާއި ކުރިމަތިލަނީ އެޓީމު ކުޅުން ހުރިހާ މެޗެއްކާމިޔާބު ކޮށްގެންނެވެ. އަނެއްކޮޅުން ސެނެގާލް މި މުބާރާތުގައި ބަލިވެފައި ވަނީ ހަމަ އެކަނި އަލްޖީރިޔާ އަތުންނެވެ.
ސެނެގާލް މި މުބާރާތުގެ ފައިނަލުގައި 2002 ވަނަ އަހަރު ކުޅެފައި ވާއިރު އެޓީމު ފައިނަލުން ބަލިވީ ޕެނަލްޓީގައި ކެމަރޫން އަތުންނެވެ.
ގިނަ ބަޔަކު މިމެޗު ސިފަ ކުރަނީ އިނގިރޭސި ޗެމްޕިއަން މެންޗިސްޓަރ ސިޓީގެ މަހްރޭޒް އާއި ޔޫރަޕްގެ ޗެމްޕިއަން ލިވަރޕޫލްގެ ފޯވާޑް މާނޭގެ ކުރިމަތި ލުމެއްގެ ގޮތުގައެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗް ކުޅޭނީ ހުކުރު ދުވަހުގެރޭ 12:00 ގައެވެ.