ބޮލީވުޑް އެކްޓަރ ޝާހިދު ކަޕޫރު އެންމެ ފަހުން ކުޅުނު ފިލްމް "ކަބީރު ސިންގް" ވަނީ ފިލްމަށް މަހެއް ނުވަނީސް 10 ރެކޯޑެއް މުގުރާލައިފިއެވެ.
ޖޫން 21 ގައި ރިލީޒް ކޮށްފައިވާ މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ވަނީ 266.62 ކްރޯޑް ރުޕީސް ލިބިފައެވެ. އެހެންކަމުން މި ފިލްމަށް ލިބުނު އާމްދަނީ ވަނީ މިއަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ދެފިލްމު ކަމަށްވާ ސަލްމާން ޚާންގެ "ބާރަތް" އަދި ވިކީ ކައުޝަލްގެ "ޔޫރީ - ދަ ސަރޖިކަލް ސްޓްރައިކް" އަށްވުރެވެސް މައްޗަށް އަރާފައެވެ.
ޓްރޭޑް އެނަލިސްޓް، ތަރަން އާދަޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން ފިލްމް ރިލީޒް ކުރި ފުރަތަމަ ހަފްތާގައި 134.42 ކްރޯޑް ރުޕީސް ލިބިފައި ވެއެވެ. ދެވަނަ ހަފްތާގައި 78.78 ކްރޯޑް ރުޕީސް، ތިން ވަނަ ހަފްތާގައި 36.40 ކްރޯޑް އަދި ހަތަރު ވަނަ ހަފްތާގައި 16.66 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.
ބޮކްސް އޮފީސް އިންޑިއާ ރިޕޯޓްތަކުން ދައްކާގޮތުން ވިކީގެ "އުރީ" އަށް ހަތަރު ހަފްތާ ތެރޭގައި ލިބިފައިވަނީ 245 ކްރޯޑް ރުޕީސް އެވެ. ސަލްމާންގެ "ބާރަތް" އަށް ހަތަރު ހަފްތާގެ ތެރޭގައި ލިބިފައިވަނީ 210 ކްރޯޑް ރުޕީސް އެވެ.
ސަންދީޕް ވަންގާ ރެޑީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ތެލުގު ފިލްމް "އަރުޖުން ރެޑީ"ގެ ރީމޭކް އެކެވެ.
މިހާތަނަށް "ކަބީރު ސިންގް" ބެރޭކް ކޮށްފައިވާ ދިހަ ރެކޯޑަކީ:
- ޝާހިދު ކަޕޫރުގެ ކެރިއަރގައި އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ސޯލޯ ފިލްމް.
- ޝާހިދު ކުޅުނު ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމު. (މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 20.20 ކްރޯޑް ރުޕީސް ލިބިފައިވޭ.)
- ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ލިބުނު ޝާހިދުގެ ފުރަތަމަ ފިލްމް. (މި ފިލްމަށް ވަނީ ފުރަތަމަ ހަފްތާ ބަންދުގައި 70.83 ކްރޯޑް ރުޕީސް ލިބިފައިވޭ.)
- ފުރަތަމަ ހަފްތާ ބަންދުގައި ތިންވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް. (މި ލިސްޓްގެ އެއްވަނަގައި ވަނީ "އެވެންޖާރސް އެންޑް ގޭމް" އަދި ދެވަނައިގައި ވަނީ "ބާރަތް".)
- މިއަހަރު ފިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް.
- މިއަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ދެ ވަނައަށް އެންމެ އަވަހަށް 100 ކްރޯޑް ކުލަބަށް ވަތް ފިލްމް. (މި ފިލްމް 100 ކްރޯޑް ކްލަބަށް ވަދެފައިވަނީ ފިލްމް ރިލިޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި. ލިސްޓްގެ އެއްވަނައިގައި އުޅޭ "ބާރަތް" 100 ކްރޯޑް ކްލަބަށް ވަދެފައިވަނީ ހަތަރު ދުވަހުން.)
- މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް 200 ކްރޯޑް ކުލަށް ވަތް ފިލްމް. (މި ފިލްމް 200 ކްރޯޑް ކުލަށް ވަދެފައިވަނީ 13 ދުވަހުން.)
- ސަންޑޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް.
- ބޮލީވުޑް ފިލްމް ތަކުގެ ތެރެއިން ނުވަ ވަނައަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް.
- އޮސްޓްރޭލިއާގައި މިއަހަރު ރިލީޒް ކުރި ބޮލީވުޑް ފިލްމް ތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް.
މި ފިލްމްގައި ފެނިގެންދަނީ ވަރަށް ތޫނުފިލި މެޑިކަލް ސުޓޫޑެންޓެއްގެ ދިރިއުޅުން ބަނަވެގެންދާ ގޮތެވެ. އޭނާގެ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނި ކުރުމުން އެކަމާއި ރުޅިގަދަވެ މަސްތުގެ ހާލަތުގައި ހުރެ އަމިއްލަ ނަފްސަށް ގެއްލުން ދޭ މަންޒަރު މި ފިލްމުން ފެނިގެންދެއެވެ.
މި ފިލްމްގައި ޝާހިދު އާއި އެކު ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ކިއާރާ އަދުވާނީ އެވެ.