19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުކުރުމަށް ކެމްޕޭންކުރި އިރު އެންމެ ގަދަޔަށްދެއްކި އެއް ވާހަކައަކީ މަޖިލީސްތަކުން ސިއްރިޔާތުގައި ހިންގަމުންގެންދިޔަ ކަންކަން ހާމަކުރާނެ ވާހަކަ އެވެ. މަޖިލީސް 19 އަކީ ސިއްރުވެރިތަނަކަށްވުމަށް ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެވެ.
މެއި މަހުގެ 28 ވަނަ ދުވަހުގެރޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށައިގަނެ ކުރިއަށްގެންދާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށް ދައްކާލާފަ އެވެ. ފުރިހަމަ މަޖިލީހެއް ހިނގާނެގޮތުގެ ރީތި މަންޒަރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާތަނަށް ވަނީ ދައްކުވައިދީފަ އެވެ. މަޖިލީހުގެ ތަޅުމުގައި ކުރެވޭ ބަހުސްތަކުން ފެށިގެން ކޮމެޓީ މަރުހަލާގައި ކުރެވޭ މަސައްކަތްތަކާއި، ކޮންމެ ހަފްތާއެއްގެ ދެކޮޅުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެކަނި ބަލާލިނަމަވެސް މަޖިލީސް 19 ގެ ތަފާތުތަކަން ރައްޔިތުންނަށް ފެނިގެންދެ އެވެ.
ކުރާނެ މަސައްކަތެއް ނެތި، އެޖެންޑާކުރާނެ މައްސަލައެއް، ބިލެއް ނެތުމުން ޖަލްސާތައް ކެންސަލްކުރާކަށް ނުޖެހެ އެވެ. އުޅެންޖެހެނީ ކުރާނެ މަސައްކަތްތަކާއި، އެޖެންޑާކުރާނެ ކަންކަން ގިނަވެގެނެވެ. ގިނަ ދުވަހު ޖަލްސާތައް ނިންމާލާއިރުވެސް އެޖެންޑާގައި ހިމެނޭ ކަންކަމަށް އެއްކޮށް ބަހުސްކޮށް ނުނިމި އެއް މައްސަލައެއް ދެ ދުވަހު ތިން ދުވަހުވެސް އެޖެންޑާކުރަންޖެހިފައި އެބަހުރި އެވެ.
ހަމައެގޮތަށް ކޮމެޓީތަކުގައި ކުރާނެ މަސައްކަތްތަށް އޮތީ ފުނިޖެހިފަ އެވެ. ކޮމެޓީތަކުގެ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ހިމެނޭއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް ވަނީ ސިއްރު ކޮމެޓީގެ ކުޅިގަނޑު ފެށިފަ އެވެ. ވަކިން ހާއްސަކޮށް ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ސިއްރުން ކުރިއަށްގެންދިއުމުގެ ސަގާފަތް ވަނީ އަށަގަންނަން ފަށާފައޭ ބުނެވިދާނެ އެވެ.
ބައެއް މިސާލުތަކަށް ބަލާލާނަމެވެ. މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލުގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ފެށި އެވެ. މައްސަލަ އެ ކޮމެޓީއަށް ވަނުމާއެކު އެއީ ބޮޑު ސިއްރެއްގެ ގޮތުގައި ކަނޑައަޅާ ވަނީ ކޮމެޓީގެ ދޮރުތައް ނޫސްވެރިންނަށް ބަންދުކޮށްލާފަ އެވެ. އޭގެފަހުން އެ މައްސަލާގައި ބާއްވާ އެ ކޮމެޓީގެ އެއްވެސް ބައްދަލުވުމަކަށް ނޫސްވެރިންނަކަށް ނުވަދެވެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް ބެލި ނަމަވެސް، ގިނަ މައުލޫމާތުތައް މެމްބަރުން ހޯދަވަމުންގެންދަވަނީ ސިއްރު ކޮމެޓީތަކުގެ ތެރޭގަ އެވެ. އެންމެފަހުން އޭސީސީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރި ދުވަހުވެސް ކަންވީ މި ދެންނެވިގޮތަށެވެ. ކޮމެޓީ ފަށާ މާ ގިނައިރުތަކެއް ނުވެ، ކޮމެޓީ ސިއްރުކޮށްލާފަ އެވެ. ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް ހާޒިރުކުރި ކޮމެޓީގައި އެ ކޮމިޝަންގެ މެމްބަރުންނަށް އޮތް ނުފޫޒުތަކުގެ ވާހަކަތައް ދެކެވުނު އެވެ. ނަމަވެސް އެ މެމްބަރުންނަށް ނުފޫޒު އަންނަނީ ކޮން ދިމާލަކުންކަމެއް ސާފުނުވެ އުޅެނިކޮށް ކޮމެޓީގެ ހުޅުވާލައިގެން ކުރިއަށްގެންދާ ބައި ވަނީ ނިންމާލާފަ އެވެ.
ކޮމެޓީތައް ސިއްރުކުރާއިރު އެކަމަށް އެންމެ ބޮޑަށް ބާރު އަޅާނީ ކޮމެޓީތަކަށް ހާޒިރުކުރެވޭ ކޮމިޝަންތަކާއި، އެކި އެކި ޒިންމާދާރު ބޭފުޅުންނެވެ. ކޮމެޓީއަށް ހާޒިރުކޮށް ފުރަތަމަ ސުވާލަށް ޖަވާބުދޭން ފަށާފަވެސް އެދޭކަމަކީ ކޮމެޓީ ސިއްރުކޮށްދިނުމަށެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ކޮމެޓީއެއްގައި މައުލޫމާތުތައް ހާމަކުރަން ކެރިވަޑައިނުގަންނަވާނެކަމަށެވެ. އެއިން ބޭފުޅަކަށް ސިއްރިއްޔާތުގައި ނޫންގޮތަށް ބަހެއް ބުނެވޭކަމަކަށް ނުވެ އެވެ. ފަހަރުގައި ހިންގާފައި ހުރި ޖަރީމާތަކުގެ ބޮޑުކަމުންކަމަށްވެސްވެދާނެ އެވެ.
ބައެއް ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމުންވެސް އިވިގެންދަނީ ކޮމެޓީ ސިއްރުކޮށްދިނުމަށް އެދޭކަމަށް ވިދާޅުވާ ވާހަކަތަކެވެ. މިވެނި މައުލޫމާތެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ކޮމެޓީއެއްގައި ހިއްސާނުކުރެވޭނެކަމަށް ވިދާޅުވާ ވާހަކަތަކެވެ. ނަމަވެސް އެކަމުގައި ކޮމެޓީތަކުގެ މުޤައްރިރުންގެ ހުޝިޔާރުކަންވެސް ފާހަގަކޮށްލަންޖެހެ އެވެ. ބައެއް ކޮމެޓީތަކުގެ މުޤައްރިރުން ވަނީ އެފަދަ ވާހަކަތަކާއެކު ކޮމެޓީތަކުގެ މަސައްކަތްތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންގޮސްފަ އެވެ. އެބޭފުޅުން ނިމުނު 5 އަހަރު ހިންގި ޖަރީމާތަށް ހާމަކުރުވާފަ އެވެ.
ތެދެކެވެ. ބައެއް މައުލޫމާތުތަކަކީ ޤައުމީ ސަލާމަތާއި ގުޅިފައި ހުންނާނެ ފަދަ މައުލޫމާތުތަކެވެ. ނަމަވެސް ރައްޔިތުން އެ ސުވާލުތަކެއްގެ ޖަވާބަށް ފެންބޮވައިގަނެފައިވާ ސުވާލަށް ޖަވާބު ނުލިބި އެމައުލޫމާތުތައް ސިއްރުކުރަން ފުރުސަތުދިނުމަކީ ރައްޔިތުން ގަބޫލުކުރަން މާ ފަސޭހަ އަޑުތަކަކަށް ނުވާނެ އެވެ. އަދި އޭގެތެރެއިންވެސް ބޮޑެތި ހިޔާނާތާއި ވައްކަންތައް ހިންގި މީހުންނާއި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވި މީހުންގެ ނަންތައް ސިއްރުކުރުމަކީ ރައްޔިތުން ބޭނުންވާނެގޮތެއް ނޫނެވެ.
19 ވަނަ މަޖިލީސް ފެށި، ފެނުނު ރީތި މަންޒަރުތައް އެގޮތުގައި ފެނިގެންދިއުމަކީ ރައްޔިތުން ދެކެން ބޭނުންވާނެ މަންޒަރުތަކެވެ.