ހިޖުރަކުރަމުން ދިޔަ މީހުން އުފުލި ބަހެއް ބުރާސްފަތިދުވަހު އިރުމަތީ ތުރުކީގައި ފުރޮޅާލައި 17 މީހުން މަރުވެ 50 ވުރެގިނަ މީހުން ޒަހަމްވެއްޖެއެވެ.
ޑީއެޗްއޭއިން ރިޕޯޓްކޮށްފައިވާގޮތުން އިރާގުގެ ބޯޑަރުކައިރީގައި ހިނގި މިހާދިސާގައި މަރުވިމީހުންގެ ތެރޭގައި ފަސް ކުޑަކުދިންވެސް ހިމެނެއެވެ.
އިތުރަށް އޭޖެންސީން ރިޕޯޓްކޮށްފައި ވާގޮތުގައި ހިޖުރަކުރަމުން ދިޔަ މީހުން ތުރުކީއަށް ވަދެފައިވަނީ ގަވައިދާ ހިލާފަށެވެ. އަދި މިހާދިސާގައި މަރުވި މީހުން ނިސްބަތްވާ ގައުމު ތަށް ވެސް ހޯދިފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި 18 މީހުންގެ ޖާގައިގެ ބަހުގައި 67 މީހުން ދަތުރު ކުރަމުން ދިޔަކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ބަސް ފުރޮޅާލަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ބަސް ކޮންޓްރޯލްނުކުރެވިގެންނެވެ. ސީރިޔާ އާއި އިރާގުގައި ހިނގަމުންދާ ހަނގުރާމަތަކާއި ގުޅިގެން ތުރުކީއަށް ގަވައިދާ ޙިލާފަށް އެތެރެވާ ހިޖުރަކުރަވެރީންގެ އަދަދު ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
