ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 07:25
ޗެންނާއީގެ މަތިން ނަގާފައިވާ ފޮޓޯއެއް
ޗެންނާއީގެ މަތިން ނަގާފައިވާ ފޮޓޯއެއް
ސީ.އެން.އެން
ޗެންނާއީ
ޖައްވުން ބަލާއިރުވެސް ވާރޭ ނުވެހި ހަނަފަސް ވެފައިވާކަން ފާހަގަވާ ސިޓީ ޗެންނާއީ
ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވުމުން އަދި ވާރޭ ވެހުނު ކަމުގައިވިޔަސް ވެހޭ މިންވަރު މަދުވުމުން އެ ސިޓީގައި ދިރިއުޅޭ މީހުން މިހާރު ތިބީ ފެނަށްޖެހިފަ
ފެނަށް ޖެހި މުޅި ސަރަހައްދު ހަނަފަސް ކަމެއްގެ ތެރޭގައި އޮތް އިރު، އިންޑިއާގެ އެހެން ސަރަހައްދުތަކުން ދަނީ ޕިކަޕުތަކާއި ލޮރީތައް ބަރުކޮށް ޗެންނާއީގެ ރައްޔިތުންނަށް ފެން ފޯރުކޮށްދެމުން
މޫސުމާއި ބެހޭ މާހިރުން ބުނާ ގޮތުގައި މި މައްސަލައަކީ އިތުރު ގައުމުތަކަށްވެސް ކުރިމަތި ވެދާނެ މައްސަލައެއް

ވާރޭ ނުވެހި ގިނަ ދުވަސް ވެފައިވުމުން އިންޑިއާގެ ޗެންނާއީގެ ރައްޔިތުންނަށް ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، ފެނަށް ޖެހިފައިވާކަން، އެ ސިޓީގެ މަތިން ނަގާފައިވާ ބައެއް ތަސްވީރުތަކަށް ބަލާލި ނަމަވެސް ފެނިގެންދެއެވެ. ޖައްވުން ނަގާފައިވާ އެއް ތަސްވީރުން ފެންނަ ގޮތުގައި ޗެންނާއީގައި އޮންނަ ޕުޒަލް ކޯރު ވަނީ މުޅިންހެން ހިކިފައެވެ. އެގޮތުން، 2018 ވަނަ އަހަރާ 2019 ވަނަ އަހަރު އަޅާ ކިޔާލެވޭ ވަރަށް އެ ކޯރުގެ މަންޒަރު ބަދަލުވެފައިވާތަން ފެނެއެވެ.

އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ކަމެއް ދިމާވުމަކީ ވަރަށް ހައިރާން ކުރުވަނިވި ކަމެކެވެ. މިކަމާ ގުޅިގެން މޫސުމާ ބެހޭ މާހިރުން ބުނެފައިވަނީ މިފަދަ ތަދުމަޑުކަމެއް ދުުނިޔޭގެ އެހެން ހިސާބުތަކަށްވެސް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ހަވަނައަށް އިންޑިއާގައި އެންމެ އާބާދީ ބޮޑު ޗެންނާއީ އަކީ ކުރީގައި އެ ސިޓީގެ ކޯރުތައް ފުރި ބަންޑުން ވާވަރަށްވެސް ވަރޭ ވެހޭ ސަރަހައްދެކެވެ. އެ ސިޓީގައި ފަސް މިލިއަނަށްވުރެ ގިނަ މީހުން އުޅޭނެ ކަމަށް ލަފާ ކުރެވެއެވެ. ޗެންނާއީގެ ރައްޔިތުން ފެނަށް ދަތިވެފައިވުމުން އިންޑިއާގެ އެހެން ސަރަހައްދުތަކުން ދަނީ ޓްރަކްތަކުގަޔާއި ޕިކަޕް ތަކުގައި އެމީހުންނަށް ފެން ފޯރުވައިދެމުންނެވެ. ނަމަވެސް އެކަމަކީވެސް ހަރަދުބޮޑު ކަމަކަށް ވުމުން އެކަންވެސް ވެފައިވަނީ ދަތި އުނދަގޫ ކަމަކަށެވެ.

ޓްރަކްތަކުގައި ފެން ގެނެސްދިނުމުން ޗެންނާއީގެ ރައްޔިތުން ފެން ހޯދުމަށް އަވަސް އަރުވަލައިގެން އުޅޭ މަންޒަރަކީވެސް ބަލާލަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެމީހަކަށް ލިބޭ ފެންފޮދު މަދުވެ، ލިބޭލެއް ލަސްވުމުން، ރުޅިގަދަވާތަން ފެނެއެވެ. ދުވާލެއްގެ މައްޗަށް އެމީހުންނަށް ދޫކުރަނީ އެންމެ 100 ލީޓަރުގެ ފެނެވެ.

އެ ސިޓީގެ ގިނަ ވަޅުތަކުންވެސް ވަނީ ފެންހިނދިފައެވެ. އަދި ހެނދުނު ގަޑީގައި ބަނޑިޔާތައް ކިހިއްޔަށް ޖަހައިގެން ގޮސް ފެން ނަގަން ބަލާއިރު ދެފަހަރަކު ބާލިދީއެއް ނަގަން ވާއިރަށް ވަޅުގެ ފެންގަނޑު އޮންނަނީ ހުސްވެފައެވެ. އެހެންކަމުން އަނެއްކާވެސް ޖެހެނީ ވަޅަށް ފެން އަރަންދެން ގިނައިރުތަކެއް އިންތިޒާރު ކުރާށެވެ.

ޗެންނާއީ އަށް ކުރިމަތިވެފައިވާ ހަނަފަސް ކަމަކީ ހަމައެކަނި ވާރޭ ވެހުން މަދުވުމުގެ ސަބަބުން އެކަނި ކުރިމަތި ވެފައިވާ ކަމެއް ނޫނެވެ. ޗެންނާއީގައި އުމްރާނީ ތަރައްގީއަށް އެތަނުގެ ގިނަ ޗަސްބިންތަކެއްވެސް ވަނީ ހިއްކާފައެވެ. އެފަދަ ތަންތަން ހިއްކާލަނީ ފަހުން ވާނެ ގެއްލުމަކަށް ބަލާލުމެއްނެތިއެވެ.

ޗަސް ބިންތަކާއި ކޯރު ފަދަ ތަންތަން ހިއްކައި އެތަނުގައި ކޮންކްރީޓު ޖަންގައްޔެއް ހެދުމުން އެއީ "ވޯޓަރ ސައިކަލް" ހެޔޮ ގޮތުގައި ދައުރުވުމަށް އެޅިގެންދާނެ ހުރަހެކެވެ. އެހެންކަމުން މިކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް އިބުރަތެއްގެ ގޮތުގައި ދެކެން ޖެހޭނެ ކަމަކެވެ. ދެމެހެއްޓެނިވި ތަރައްގީއަކަށް ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް އިޙްތިޔާރުކުރަން ޖެހެއެވެ.

- ކޮމެންޓް