2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕް ކޮލިފިކޭޝަންގައި ޗައިނާއާއި ރާއްޖެ އެއްގުރޫޕެއްގައި ހިމެނިއްޖެއެވެ.
ޗައިނާގެ އިތުރުން ރާއްޖެއާއިއެކު ގުރޫޕް "އޭ" ގައި ހިމެނޭ ގައުމުތަކަކީ ސީރިޔާ، ފިލިޕީންސް އަދި ގުއާމްއެވެ.
މިއަދު އޮތް ގުރުނެގުމުގެ ރަސްމިއްޔާތުގައި އޭޝިޔާގެ 40 ގައުމު 8 ގުރޫޕަކަށް ބަހައިލައިފައިވެއެވެ.
ކޮލިފިކޭޝަންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނީ ޖުމްލަ 12 ޓީމަށެވެ. އެއީ ކޮންމެ ގްރޫޕަކުން އެއް ވަނަ އަށް ހޮވޭ އަށް ޓީމާއި ދެން ބާކީ ހިމެނޭ ޓީމްތަކުގެ ތެރެއިން ދެ ވަނަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށެވެ. ތިން ވަނަ ބުރުން ޖާގަ ލިބޭ ހުރިހާ ޓީމަކަށް އޭޝިއަން ކަޕުގެ ޖާގަ ކަށަވަރުވާނެއެވެ.
ގްރޫޕް އޭ ގައި ހިމެނޭ ޗައިނާ އަދި ރާއްޖެ ވަނީ އެންމެ ފަހުން ބޭއްވުނު ކޮލިފިކޭށަންގައި ވެސް އެއް ގުރޫޕެއްގައި ލައްވައިލައިފައެވެ.
2015 ވަނަ އަހަރު ކޮލިފިކޭޝަންގެ މެޗް ތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭގޮތަށް ހަމަޖެހިފައި އޮތް ކަމުގައިވިޔަސް އެ ފަހަރު ޗައިނާ އާއި ވާދަކުރި ދެ މެޗްވެސް ކުޅެފައިވަނީ ޗައިނާ ގައެވެ. ފުރަތަމަ މެޗްގައި 0-3 އިން ޗައިނާ ކުރި ހޯދިއިރު ދެ ވަނަ މެޗް ޗައިނާ ކާމިޔާބުކުރީ 0-4 ގެ ނަތީޖާ އަކުންނެވެ.
ގްރޫޕް "އޭ" ގައި ހިމެނޭ ސީރިޔާއިން ވަނީ ރާއްޖެ ދެކޮޅަށް 1997 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް ކޮލިފިކޭޝަންގައި 12 ލަނޑު ޖަހައިފައެވެ. އެއީ ރާއްޖެއިން ވޯލްޑްކަޕް ކޮލިފިކޭޝަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން އަންނަނީ 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ނުވަތަ އޭޝިއަން ކަޕް ގައި ކުޅުމަށް އަމާޒު ހިފައިފައެވެ. އެގޮތުން ރާއްޖެއިން އަންނަނީ ޒުވާން ކުޅުންތެރިން އަށް ފުރުސަތުދީ އެކުޅުންތެރިންއަށް ތަޖުރިބާ ހޯދައިދެމުންނެވެ.