އިނގިރޭސި ކްލަބް ނިއުކާސްޓަލް ޔުނައިޓެޑްގެ ހެޑް ކޯޗަކަށް ސްޓީވް ބްރޫސް ހަމަޖައްސައިފިއެވެ.
ބްރޫސް ނިއުކާސްޓަލް ޔުނައިޓެޑާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ނިއުކާސްޓަލް ޔުނައިޓެޑުން ވަނީ އެޓީމުގެ ކުރީގެ ކޯޗު ރަފާ ބެނިޓޭޒް ކޮންޓެކްޓް ހަމަވުމުން އޭނާ މި ދިޔަ ޖޫން މަހު ދޫކޮށްލައިފައެވެ.
ނިއުކާސްޓަލް ޔުނައިޓެޑާ ހަވާލުވުމަށްފަހު ކޯޗު ބްރޫސް ބުނީ މިއީ ޗެލެންޖެއްކަމަށާއި ނަމަވެސް އޭނާ އާއި އޭނާގެ ޓީމު އޮތީ ޗެލެންޖާއި ކުރިމަތިލާން ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ނިއުކާސްޓަލް ޔުނައިޓެޑް އަކީ އޭނާ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކުލަބެއްކަމަށާއި މިއީ އޭނާގެ ބައްޕަ ސަޕޯޓްކުރި ކުލަބް ކަމުން މިއީ އޭނާ އާއި އެނާ އާއިލާއަށް ހާއްސަ ވަގުތެއްކަމަށެވެ.
ނިއުކާސްޓަލް ޔުނައިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ލީ ޗާންލޭ ބުނީ ބްރޫސް އަކީ ކުލަބް ރަނގަޅަށް ދަންނަ ކޯޗެއްކަމަށާއި އޭނާ އަށް ކުލަބުގެ ސަޕޯޓަރުންގެ އިހުސާސް އިނގޭނެކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކުލަބުގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއި ސްޓާފުން ލީޑު ކުރަން ބުރޫސް އަށް އިނގޭނެ ކަމަށެވެ. އަދި ބްރޫސް އާއި އެކު އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ނިއުކާސްޓަލް ޔުނައިޓެޑް އަކީ 52 އަހަރުގެ ބްރޫސް ކޯޗުކަން ކޮށްދޭނެ 10 ވަނަ ކުލަބެވެ.