ޕީއެސްޖީއަށް ކުޅެމުން އައި ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސް ހޯދުމުގެ ރޭހުގައި އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސްވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ގޯލްޑޮޓްކޮމްއިން ބުނީ، އަލްވޭސް ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓްރާންސްފާގެ ކަންކަމާ މަޝްވަރާ ކުރުމަށް އަލްވޭސްގެ ފަރާތުން މަންދޫބުންތަކެއްވެސް އިޓަލީއަށް ހޯމަ ދުވަހު ގޮސްފައިވާ ކަމަށެވެ.
ޕީއެސްޖީ ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ އަލްވޭސް ހޯދުމަށް ޔުވެންޓަސްގެ އިތުރުން ބާސެލޯނާއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، އޭނާ ހޯދުމުގެ ރޭހުގައި ސިޓީވެސް ބައިވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާއަށް ބަދަލުވި މިހާރު އުމުރުން 36 އަހަރުގެ ޑެނީ އަލްވޭސް ވަނީ އެޓީމުގައި ހޭދަކުރި 8 ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.
ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު އަދި ކޮޕާ އެމެރިކާ އެއްފަހަރު ކާމިޔާބު ކޮށްފައިވާ އަލްވޭސް ޔުވަންޓަސް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 33 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
ޔުވަންޓަސް ދޫކޮށް 2017 އަހަރު އަލްވޭސް ބަދަލުވީ ޕީއެސްޖީ އަށެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 73 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި އަލްވޭސް ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު، ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.