މި މަހުގެ 19 އިން 28 އަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލޭޑް ގޭމްސްގައި ބައިވެރިވުމަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު އެ ގައުމަށް ފުރައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ފުޓުބޯޅަ ޓީމު މޮރިޝަސްއަށް ފުރާފައިވާއިރު، 20 ކުޅުންތެރިން ވަނީ ސްކޮޑުގައި ހިމަނާފައެވެ.
މުބާރާތުގައި ރާއްޖެ ހިމެނެނީ ރީޔޫނިއަން އާއި މެޔޯޓް އަދި ކޮމޮރޯސްއާއެކު އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕްގައި ހިމެނެނީ މޮރިޝަސް އާއި ސީޝެލްސް އަދި މަޑަގަސްކަރައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަންއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު 1 ޖަހާއިރެވެ.
ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޯރަސްއާ ދެކޮޅަށް ނިކުންނައިރު، ތިންވަނަ މެޗުގައި ނިކުންނާނީ މި މަހު 22 ގައި މެޔޯޓްއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު 16:15 ގައެވެ.
މިފަހަރުގެ މުބާރާތަށް ރާއްޖެއިން ބޭނުންކުރަނީ ޒުވާން ސްކޮޑެކެވެ. މިފަހަރުގެ ސްކޮޑުން ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ ނުހިމަނާއިރު، އެންމެ ދޮށީ ކުޅުންތެރިންނަށް ހިމަނާފައިވަނީ އުމުރުން 31 އަހަރުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި މިދިޔަ އަހަރު ބޭއްވި ސާފް ސުޒުކީ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ފައިސަލްއެވެ.
އެންމެ ފަހުން ބޭއްވި އައިއޯއައިޖީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރީޔޫނިއަންއެވެ. ދެވަނަ ހޯދީ މެޔޯޓްއެވެ. އެފަހަރު ރާއްޖެ ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެކަނިއެވެ. މެޔޯޓްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-3 ގެ ނަތީޖާއިން ބަލިވެފައެވެ.