ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 23:59
ސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިއޮތީ އިންޑިއާގެ ގަޑިން ހޯމަ ދުވަހުގެ 2:51 ގައި
ސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިއޮތީ އިންޑިއާގެ ގަޑިން ހޯމަ ދުވަހުގެ 2:51 ގައި
އީޕީއޭ
ޗަންދަރަޔަން-2
ޗަންދަރަޔަން-2: އުދުއްސާލަން ތައްޔާރުކުރުމަށްފަހު މަޑުޖައްސާލައިފި
މި މިޝަންއަކީ 150 މިލިއަން އެމެރިކާ ޑޮލަރުގެ މިޝަންއެއް
މި މިޝަން ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖައްސާ ހަތަރުވަނަ ގައުމަށް
ސެޓެލައިޓް ފޮނުވާލުން ދެން އޮންނާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނުކުރެވޭނެ

އިންޑިއާއިން ހަނދުގެ މިޝަންއަކަށް ޖައްވަށް ފޮނުވަން މަސައްކަތްކުރި ދެވަނަ އުޅަނދު އުދުއްސާލަން ގަޑިއިރަކަށްވުރެ ކުޑަތަންވެފައިވަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އުދުއްސާލުން ފަސްކޮށްފިއެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން ބުނެފައިވަނީ އުޅަނދު ފޮނުވާލާ ސިސްޓަމަށް ދިމާވި މައްސަލަ ސަމާލުކަމަށް އައުމުން ކައުންޓްޑައުން ހުއްޓާލީ އުދުއްސާލަން 56 މިނިޓަށް ވެފައިވަނިކޮށް ކަމަށެވެ.

ޗަންދަރަޔަން 2 ގެ ނަންދީފައިވާ މި ސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިއޮތީ އިންޑިއާގެ ގަޑިން ހޯމަ ދުވަހުގެ 2:51 ގައެވެ. މި ސެޓެލައިޓް ލޯންޗްކުރަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށުގައި ހުންނަ ސްރިހަރިކޯޓާ ސްޕޭސް ސްޓޭޝަނުންނެވެ.

ސެޓެލައިޓް ފޮނުވާލުން ދެން އޮންނާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނުކުރެވޭނެކަމަށް އެ ގައުމުން ބުނެއެވެ.

އިންޑިއާއިން އުއްމީދުކުރާގޮތުގައި 150 މިލިއަން އެމެރިކާ ޑޮލަރުގެ މިޝަން، ޗަންދްރަޔަން-2 ވެގެންދާނީ ހަނދުގެ ދެކުނު ތަނޑީގައި ޖައްސާ ފުރަތަމަ އުޅނަދަށެވެ.

މި އުޅަނދުގެ މަސައްކަތަކަށްވާނީ ހަނދުގައި ފެނާއި މައުދަން ހުރިތޯ ބެލުމާއި ހަނދަށް އަންނަ ހެލުންތައް ބެލުންފަދަ ކަންކަމެވެ. މި މިޝަން ކާމިޔާބުވެއްޖެނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖައްސާ ހަތަރުވަނަ ގައުމަށެވެ.

މިހާތަނަށް އެކަން ކުރެވިފައިވަނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއަށެވެ.

- ކޮމެންޓް