އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ އެތްލީޓުންނަށް ކިޓް ހަވާލު ކުރުމަށް އާދީއްތަ ދުވަހު ހަވީރު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހަންމަދު ސޯލިހު އެތްލީޓުންނަށް ހިތްވަރު ދެއްވައިފިއެވެ.
ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖެއަކީ އައިއޯއައިޖީގެ ފައުންޑިންގ މެމްބަރު ގައުމެއްކަމުން މި މުބާރާތާ ރާއްޖޭގެ އެތްލީޓުން ކުރިމަތި ލާންވާނީ ވަރަށް ވަރުގަދަ އަޒުމަކާއި ވަރަށް މަތިވެރި ރޫހެއްގައި ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ މި މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންނަކީ މިހާރު ސަރަހައްދުގެ ގައުމުތަކަށް ދޫނުކުރާ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ކަން ފާހަގަ ކުރައްވާފައެވެ.
ރައީށް ސޯލިހު އިތުރަށް ވިދާޅުވީ އުންމީދަކީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ރާއްޖޭގައި ބޭއްވުން ކަމަށާއި، އެ މުބާރާތުގެ ބިޑް ރާއްޖެއިން ކާމިޔާބު ކުރުމަށް ގިނަ ގައުމުތަކަކުން މިހާރުވެސް ތާއިދު ކުރާނެ ކަންވަނީ ކަށަވަރުވެފައިކަމަށެވެ.
ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބިޑް ރާއްޖެއިން ކާމިޔާބުކުރި ކަމުގައި ވިޔަސް އެމުބާރާތަށް ސަރުކާރުން ބޮޑެތި ހަރަދު ތަކެއް ނުކުރާނެ ކަމަށާއި، ސަރުކާރުގެ ވިސްނުން ހުރީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި ގުޅުވައިގެން އެމުބާރާތް ބޭއްވުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އުންމީދުކުރާ އައިއޯއައިޖީ ގައި ވާދަކުރާނެ ކުޅުންތެރިންގެ ތަމްރީން ދުރާލާ ފެށުން އެއީ ސަރުކާރުގެ އަމާޒު ކަމަށާއި މި އަހަރުގެ މި މުބާރާތް ނިމުމާއެކު އެމަސައްކަތް ފަށާނެކަމަށެވެ.
މުބާރާތުގައި ވާދަކުރާ އެތްލީޓުން ތަމްސީލުކުރަނީ ރާއްޖެކަމަށާއި އެހެން ކަމުން އެކުޅުންތެރިންގެ އަހުލާގު ހިފެހެއްޓުމަށް ރައީސްވަނީ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންނަވައިފައެވެ. އައިއޯއައިޖީގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނެވެ.