މުޅި މާލެއިން ކަރަންޓް ކެނޑި، ހުރިހާ ހިދުމަތެއް ހުއްޓުމަކަށް ހިނގެއްޖެ އެވެ.
މެންދުރު 1:00 ހާއިރު މުޅި މާލެއިން ކަރަންޓް ދިޔައީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި، ހައި ވޯލްޓޭޖް ކޭބަލެއް ގޮވުން ކަމަށެވެ.
ކަރަންޓް ދިޔުމުގެ ސަބަބުން، ގިނަ ހިދުމަތްތަކަކަށް ބުރޫއެރި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ބުނި ގޮތުގައި ކަރަންޓް މެދުކެނޑިފައި ހުރި ވަގުތު ހަމައެކަނި ހޮސްޕިޓަލްގެ ބެކަޕް ޖަނަރޭޓަރުން ހިދުމަތް ދެމުން ދިޔައީ އޮޕަރޭޝަން ތިއޭޓަރުތަކަށާއި އައިސީޔޫ އަށެވެ. އެހެން ހިދުމަތްތައް ހުރީ މެދުކެނޑިފަ އެވެ. އަދި އެމްޑަބްލިޔޫއެސްއީން ދޫކޮށްފައި ހުރި ފެނުގެ ޕްރެޝަރު ދަށްވެ، ބައެއް ގެތަކަށް ފެން ލިބުން ހުއްޓުނެވެ.
"ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވީ، ހުރިހާ ކަމެއް މިވަނީ ހުއްޓިފައި. ކެއްކޭނެ ގޮތެއް ނެތް، ފެނެއް ނުވެރޭ، ކުދިން ސްކޫލަކަށް ނުފޮނުވޭ، ހިދުމަތެއްް ހޯދަން ދެވެން ވެސް ނެތް،" ކަރަންޓް ކެނޑިގެން މުޅި އާއިލާއާއެކު މާފަންނު ގެއެއްގެ ބޭރުގައި ފިނިކޮށްލަން އިން އަންހެނަކު ބުންޏެވެ.
ކަރަންޓް ދިއުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތައް ބަންދުކުރިއިރު، ސްކޫލްތަކުގެ ކިޔެވުން ވެސް ހުއްޓާލި އެވެ. ބައެއް ފިހާރަތަކާއި ބައެއް ކެފޭތައް ވެސް ބަންދުކުރި އެވެ.
"ކަރަންޓް މެދުކެނޑުމުގެ ސަބަބުން ވިޔަފާރިއަށް ވެސް ވަރަށް ބޮޑު ގެއްލުން ލިބިއްޖެ. ފެން ނުލިބިގެން ބައެއް ތަކެތި ތައްޔާރުވެސް ނުކުރެވުނު. ކަރަންޓް ނެތީމަ މީހުން ނުވެސް ވަދޭ، ހިދުމަތެއް ވެސް ރަނގަޅަށް ނުދެވޭ،" ރެސްޓޯރެންޓެއްގެ ވެރިޔަކު ކިޔައިދިނެވެ.
ކަރަންޓް މެދުކެނޑުމުގެ ސަބަބުން މީހުން ރުޅިގަދަވެ، ސްޓެލްކޯ ކައިރިއަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
ކަރަންޓްގެ ހިދުމަތް ފުރަލިބެން ފެށީ ދެ ގަޑިއިރު ފަހުންނެވެ. އަދި މުޅި މާލެ އަށް ކަރަންޓް ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ.
Magey current Koba? Magey fen koba #MWSC #STELCO
— iMsicle (@imsomania) March 5, 2017
We are in the process of restoring power. Regret for inconvenience .
— STELCO (@STELCOMALDIVES) March 5, 2017