އެކިއެކި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި ތަފާތު އެކި އޮޕަރޭޝަންތަކުގަ އާއި އެކިއެކި މައްސަލަތަކުގައި އަތުލައިގަނެފައިވާ 20.68 ކިލޯ ގްރާމް ހެރޮއިނާއި 1.25 ކިލޯ ގްރާމްގެ ކެނަބިސް ނައްތާލީ ފުލުހުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު އެވެ.
އެ ތަކެތި ނައްތާލީ މަސްތުވާތަކެތި ނައްތާލުމަށް އުފައްދާފައިވާ ކޮމެޓީގެ ހާޒިރުގައި ދޫނިދޫގައެވެ.
ފުލުހުން ބުނީ ނައްތާލި މަސްތުވާތަކެއްޗަކީ 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ދެމެދު ފުލުހުން ހިންގި އޮޕަރޭޝަންތަކާއި އެކި މައްސަލަތަކުގައި އަތުލައިގަނެފައިވާ ތަކެތި ކަމަށެވެ.
މީގެ އިތުރުންވެސް ނައްތާލި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅެފައިހުރި ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތަކާއި މައްސަލަތަކުގައި ހެއްކާއި ޤަރީނާގެ ގޮތުގައި ބޭނުންކޮށްފައި ހުރި ތަފާތު އެހެނިހެން ބައެއް ތަކެތިވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
އެކި އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާއި ބަނގުރާ ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ތަފާތު އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާލާފައިވާކަން ފާހަގަކުރެވެއެވެ.