ރަޝިއާއިން އުފައްދާފައިވާ އެސް-400 އެއަރ ޑިފެންސް މިސައިލް ސިސްޓަމްގެ ފުރަތަމަ ޝިޕްމަންޓް ތުރުކީއަށް ފޮނުވައިފިއެވެ.
މި ޝިޕްމަންޓާއި ގުޅިގެން އެމެރިކާއާއި ތުރުކީގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވިފައިވާ އިރު، ތަކުރާރުކޮށް އެމެރިކާއިން ވަނީ ރަޝިއާއިން އެ ސިސްޓަމް ނުގަތުމަށް ތުރުކީއަށް އިންޒާރު ދީފައެވެ. ތުރުކީގެ ޑިފެންސް މިނިސްޓްރީއިން ވަނީ މިހާރު އެ ގައުމަށް އެ ނިޒާމުގެ ބައިތައް އައިސްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
މި ނިޒާމުގެ ދެވަނަ ޑެލިވަރީއާއި ތިންވަނަ ޑެލިވަރީ ވެސް އަވަސް މުސްތަގުބަލެއްގައި ތުރުކީއަށް ފޯރާނެ ކަމަށް ރަޝިއާގެ ދައުލަތުން ހިންގާ ޓަސް ނޫސް އެޖެންސީއިން ވަނީ ބުނެފައެވެ. އަދި މި ނިޒާމާއި ގުޅޭ ތަމްރީންތައް ހެދުމަށް ތުރުކީގެ 20 ސިފައިން ޖުލައި އަދި އޮގަސްޓަ މަހުގެ ތެރޭގައި ރަޝިއާއަށް ދަތުރުކުރާނެ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
ތުރުކީއާ ރަޝިއާގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ އިރު، މިއީ ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އޮތް ތުރުކީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އެމެރިކާއިން ވަނީ ސިފަ ކޮށްފައެވެ. އެގޮތުން އެމެރިކާއިން ވަނީ އެ ގައުމުން އުފައްދާފައިވާ އެފް-35 ޖެޓުތައް ވިއްކުމުގެ މުއާމަލާތް ހުއްޓާލާނެ ކަމަށް އެ ގައުމުން ވަނީ މާ ކުރިން ވެސް އިންޒާރު ދީފައެވެ.
ނޭޓޯގެ އޮފިޝަލަކު ވެސް ވަނީ މި މުއާމަލާތާ ގުޅިގެން ކަންބޮޑުވާކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް އޭނާ ވަނީ ކޮންމެ ގައުމަކަށް ވެސް އެ ގައުމަކުން ބޭނުންވާ ހަތިޔާރު ގަތުމުގެ އިޙްތިޔާރު އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.