އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އައިވަރީ ކޯސްޓް އަދި އަލްޖީރިއާ ބައްދަލު ކުރި މެޗުން ޕެނަލްޓީގައި އައިވަރީ ކޯސްޓް ބަލިކޮށް އަލްޖީރިއާ އިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓްއާ ވާދަކޮށް އަލްޖީރިއާ މޮޅުވީ 4-3 ގެ ނަތީޖާ އަކުންނެވެ.
އަވަސް އަދި ހިތްގައިމު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި އައިވަރީ ކޯސްޓްގެ ޑިފެންސްލައިންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަލްޖީރިއާ އިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސޮފިއާނޭއެވެ.
މި ލަނޑަށްފަހު އައިވަރީ ކޯސްޓުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އަލްޖީރިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި އައިވަރީ ކޯސްޓްގެ އިސްމާލޭ ވަނީ ނުރައްކާތެރި ބޯޅައެއް އަލްޖީރިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅު އަލްޖީރިއާއަށް ވަނީ ޕެނަލްޓީ އެއް ލިބި ބޭކާރުވެފައެވެ. އަލްޖީރިޔާގެ ބޮނެޑަޖަހް ފޮނުވާލި މި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޮނަތަންއެވެ.
މެޗުގެ އިތުރު ވަގުތުކުޅެ، ދެޓީމު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން އައިވަރީ ކޯސްޓް ބަލިވީ އެޓީމުގެ ވިލްފްރިޑް އަދި ސެރޭޑިއޭ ޖެހި ޕެނަލްޓީތައް މިސްވުމުންނެވެ. އަލްޖީރިޔާއިން މިސްކުރި ހަމައެކަނި ޕެނަލްޓީ ޖެހީ ބެލައިލީއެވެ.
މި ނަތީޖާއާއި އެކު އަލްޖީރިއާ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.