އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގައި މަޑަގަސްކަރަ އަދި ޓިޔުނީސިއާ ބައްދަލު ކުރި މެޗުން ޓިއުނީސިއާ މޮޅުވެ، ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުން ޓިއުނީސިއާ މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ 21 ވަނަ މިނެޓުގައި މަޑަގަސްކަރައިގެ އިމާ ވަނީ ޓިއުނީސިއާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވައިލައިފައެވެ. މި ހަމަލާ ޓިއުނީސިއާގެ ކީޕަރުވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު މަޑަގަސްކަރައިން ޓިއުނީސިއާގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ޓިއުނީސިއާގެ ޑިފެންޑަރުން އަދި ކީޕަރުވަނީ މި ހަމާލާތައް ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގެ ކުރީ ކޮޅު ޓިއުނީސިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަސަކަނީގެ އެހީތެރިކަމާއި އެކު ސަސީއެވެ.
މި ލަނޑާއެކު މަޑަގަސްކަރައިގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރި އެވެ. ނަމަވެސް ޓިއުނީސިއާއިން މެޗުގެ 60 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރި އެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ ޔޫސުފް މަސަކަނީއެވެ.
މެޗުގެ އެންމެ ފަހު މިނެޓު ޓިއުނީސިއާއިން އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 3-0ކަށް ބަދަލު ކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނައިމް ސިލިޓީއެވެ.
މި މޮޅާއެކު ޓީއުނީސިއާ ވަނީ މި މުބާރާތުގެ ސެމީ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފައެވެ.