ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 12:13
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓް
ޝަހީބު ހަމަ ގަދައީ؟!
މަގާމު ދިފާއުކުރެއްވުމަށް ޝަހީބު ހަމަ ގަދައީ

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބަކީ މަގާމް ދިފާއު ކުރެއްވުމަށް ކުރީގެ ސަރުކާރުތަކާއެކު ގަދައަޅައި މަސައްކަތް ކުރެއްވުމުގައި ލާމަސީލު ނަމޫނާއެކޭ ބުނަން ޖާގަ އެބައޮތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބްރޮޑްކާސްޓިން ކަމިޝަންގެ ވަޒީފާ ޝަހީބަށް ލިބިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އޭރު އޮތް މަޖިލީހަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް ނޫނެވެ. އޭރުއްސުރެ މިއަދާއި ހަމައަށް ޝަހީބު އެހުންނަވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރަކަށެވެ.

ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި މީޑިއާތަކަށް ދިން ގެއްލުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ބިރުވެރިކަން އެއީ ރަނގަޅު ކަމެއް ކަމުގައި ދެކި އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބޭނުންވި ގޮތަށް މީޑީއާތަކާއި ދޭތެރޭ ޝަހީބް ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައި ނިންމި ކަންތައްތައް ގިނަ ބަޔަކު ސިފަކުރަނީ އޭނާ މަގާމު ދިފާއު ކުރެއްވުމަށް ކުރެއްވި ކަންތައްތަކުގެ ގޮތުގައެވެ. ޝަހީބް ކޮމިޝަނުގެ ރައީސްކަމުގައި ހުންގާނު ހިފަމުންދިޔަ އިރު އެންމެ ބޮޑު ގެއްލުންތަކެއް ލިބިގެން ދިޔަ އެއް މީޑިޔާ އަކީ ރާއްޖެޓީވީއެވެ. މި ސްޓޭޝަން އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކޮށް ފިޔަވަޅު އަޅައި ބިރު ދައްކާފައިވަނީ ޝަހީބް ރައީސް ކަމުގައި ހުންނަވާ ސޮއިކުރެއްވި ސިޓީތަކުންނެވެ.

ރާއްޖެޓީވީ ބަންދުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވި ވިދާޅުވުން އެއީ އާ ވާހަކައެއް ނޫނެވެ. ރާއްޖެޓީވީ ހުއްޓުވާލުމަށް މަގުފަހިކުރަން ބްރޯޑް ކާސްޓިންގ ކޮމިޝަނުން ނިންމި ނިންމުންތައް ނިންމަމުން ދިޔައިރު ޝަހީބް ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވިކަން އަދި ނަންގަވަންޖެހޭ ޒިންމާ އެއް އޮންނާނެކަން އެންމެން ގަބޫލު ކުރެއެވެ.

ޝަހީބު ކޮމިޝަންގެ ރައީސަކަށް ހުންނަވައި އަބުރުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް ފިޔަވަޅު އެޅި މައްސަލަތަކަށް ބަލާއިރު ގާތްގަނޑަކަށް 90 ވަރަކަށް ޕަސެންޓް މައްސަލަތައް ނިންމާފައި ހުރީ ރާއްޖެޓީވީއާ ދެކޮޅަށެވެ. މިފަދަ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ފަހު، އެންމެ ފަހު ވަގުތު މަގާމް ދިފާއުކުރެއްވުމުގެ ބޭނުމުގައި އެކަމުން ރެކިވަޑައިގަންނަވަން މަސައްކަތް ކުރެއްވުން ދޭހަވެގެން ދިޔައީ، މަގާމް ދިފާއުކުރެއްވުން އިސް ކުރެއްވި ކަމެވެ. ބޮޑެތި ބައެއް ކަންކަމުގައި ކޮމިޝަނުގެ އެހެން މެމްބަރުންގެ ޒިންމާ އޮތްވާހަކަ ދެއްކެވުމަކުން އެކަންކަމުގައި ޝަހީބުގެ ޒިންމާއެއް ނެތް ކަމަށް ނިންމިދާނެ ހެއްޔެވެ؟ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ހާލަތު އިއުލާންކުރެވުނު ދުވަސްވަރު، ރާއްޖެޓީވީ ބަންދުކުރުމަށް ރައީސް ޔާމީން މަސައްކަތްކުރައްވަން އުޅުއްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ސޮފްވާން މެދުވެރިކުރައްވާ ކަމަށް ޝަހީބް ކޮމިޓީގައި ހާމަކުރެއްވައިފައިވެއެވެ. އަދި އެކަމުގައި ތިމަންނާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެހެން މެމްބަރުންގެ ބޮލަށް އެކަން ޖެއްސެވިއެވެ. ނަމަވެސް އެ ހުރިހާ ސިޓީތަކެއްގެ ސޮއިކުރައްވާފައި ވަނީ ހުދު ޝަހީބް އެވެ.

ނަމަވެސް ކޮމިޝަނުގެ މެމްބަރުން ވަނީ ކޮމިޓީގައި އެކަން ދޮގުކުރައްވާފައެވެ. މެމްބަރުން ބުނާގޮތުން ރާއްޖެޓީވީ ބަންދުކުރަން ބޭއްވި ކަމިޝަނުގެ ބައްދަލުވުން ބޭއްވީ ޝަހީބުގެ އިސްނެންގެވުމުގެ މަތިން ޝަހީބް އެވެ.

އޭރު ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ދިޔައީ އެގޮތަށް އަމަލުކުރުން ހުއްޓާލައި ހަމަހަމަކަމާއި އިންސާފުން ކަންކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމުންނެވެ. ނަމަވެސް މި ގޮވާލުންތަކަށް ޝަހީބު އޭރު ދިނީ ބީރުކަންފަތެކެވެ.

އަނެއްކާވެސް ޝަހީބުގެ ރާގު ބަދަލުވެ މަގާމު ދިފާއުކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ. މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން ޝަހީބު ދެއްކެވި ވާހަކަ އޭގެ ހެއްކަކަށް ފުދެއެވެ. އެ ކޮމިޝަނުން ވަކި ޗެނެލްތަކަށް އަމާޒުކޮށް ފިޔަވަޅު އަޅަމުން ގެންދިޔަ ކަމަށް ވެސް ޝަހީބު ވަނީ އިއުތިރާވެފައެވެ. އަލުން ހުދު ކާފޫރު ކޮޅަކަށް ބަދަލުވަނީތޯއެވެ.

މަގާމު ދިފާއުކުރެއްވުމަށް ޝަހީބު ހަމަ ގަދައީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް