އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ސައުތު އެފްރިކާ ކަޓުވާލައި ނައިޖީރިއާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ސައުތު އެފްރިކާއާ ވާދަކޮށް ނައިޖީރިއާ އިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މިސްރުގެ ކައިރޯ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފުރަތަމަ ކޮޅު ލަނޑު ޖަހާނެ މާ އެދެވޭ ފުރުސަތެއް ދެޓީމަށް ވެސް ލިބިފައެއް ނުވެއެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނައިޖީރިއާއިންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޗުކްވުއެޒޭއެވެ. މި ލަނޑަށްފަހު ވެސް އެޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ލަނޑާއެކު ސައުތު އެފްރިކާއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. ނަމަވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފް ފެށިގެން ސައުތު އެފްރިކާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޒުންގޫއެވެ. މީގެއިތުރުން ވެސް އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބި ބޭކާރުވިއެވެ.
ސައުތު އެފްރިކާއިން މޮޅު ކުޅުމެއް ދައްކަމުން އަންނަނިކޮށް، ނައިޖީރިއާ އިން ވަނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓްރޫސްޓް އެކޮންގްއެވެ.
މި ނަތީޖާއާއެކު ނައިޖީރިއާ ސެމީން ޖާގަ ހޯދާފައިވާއިރު، އެޓީމު ސެމީގައި ބައްދަލުކުރަން ޖެހޭނީ ބުރާސްފަތި ދުވަހުގެ ރޭ އައިވަރީ ކޯސްޓް އަދި އަލްޖީރިއާ ބައްދަލުކުރާ ކުއާޓާ މެޗުން މޮޅުވާ ޓީމަކާއެވެ.
ނައިޖީރިއާގެ އިތުރުން ސެމީގެ ޖާގަ ދެން ކަށަވަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ބެނިންއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ މެޗު ކާމިޔާބުކުރި ސެނަގާލްއެވެ. ސެމީގައި ސެނަގާލް ބައްދަލުކުރަންޖެހޭނީ ބުރާސްފަތި ދުވަހުގެ ރޭ ކުއާޓާގައި މަޑަގަސްކަރަ އަދި ޓިއުނީޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.