ކ. މާލެ
|
11 ޖުލައި 2019 | ބުރާސްފަތި 09:04
2015 ވަނަ އަހަރު ބޭއްވުނު އައިއޯއައިޖީ ގޭމްސްގެ ތެރެއިން
2015 ވަނަ އަހަރު ބޭއްވުނު އައިއޯއައިޖީ ގޭމްސްގެ ތެރެއިން
ޓްވިޓަރ
އަައިއޯއައިޖީ ގޭމްސް 2023
ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ
އައިއޯއައިޖީ ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވޭނެކަމުގެ އުންމީދު ބޮޑު
ގޭމްސް ރާއްޖޭގައި ބާއްވަން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ

ރާއްޖޭގައި ރަނގަޅު ފެންވަރުގެ ކުޅިވަރު ކުޅޭ ތަންތަން ވަރަށް މަދެވެ. ކުޅިވަރުތަކަށް ވަކިން ދޭ ބިންތައްވެސް މަދެވެ. މިކަމުގެ ސަބަބުން ކުޅިވަރުތައް ކުރިއަރަން ހުރަސްތަކެއް އެޅިގެންދާ ކަމަށް އެސޯސިއޭޝަންތަކުން އަބަދުވެސް ޝަކުވާ ކުރެއެވެ. ރާއްޖޭގައި އެތަކެއް ވެރިކަމެއް ނިމިގެންދިޔަ އިރުވެސް ކުޅިވަރަށް މާބޮޑު އުމްރާނީ ތަރައްގީއެއް ގެނެވިފައެއް ނުވެއެވެ.

ނަމަވެސް އައިއޯއައިޖީ ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާން ސަރުކާރުގެ ވިސްނުން ހުރިކަން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެނގިގެންދިޔުމާއެކު، އުންމީދުތަކެއް އާވެގެންދިޔައެވެ. ރާއްޖޭގައި އައިއޯއައިޖީ ގޭމްސް ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ސަރުކާރު ގުޅިގެން ވަނީ މަސައްކަތްތަކެއްވެސް ފަށައިފައެވެ.

އެގޮތުން ސީދާ ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބިޑް ކެމްޕޭނަށް ފޮނުއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ކުޅިވަރު މިނިސްޓަރ އަހުމަދު މަހުލޫފުއެވެ. މި ދަތުރުފުޅުގައި މި ދެ މިނިސްޓަރުން ވަނީ ސީޝެލްސްގެ ރައީސްއާ ބައްދަލުކުރައްވައި، އައިއޯއައިޖީ ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް އެގައުމުގެ ފުރިހަމަ ތާއީދު ހޯދައިފައެވެ.

އައިއޯއައިޖީ ގޭމްސްގެ ތެރެއިން

މީގެއިތުރުން އައިއޯއައިޖީ ގޭމްސްގެ ކައުންސިލްގެ ވަފުދެއް ދާދި ފަހުން ވަނީ ރާއްޖެ އައިސް، ކުޅިވަރު ކުޅޭ ތަންތަން ބަލާފައެވެ. އެއަށްފަހު ސަރުކާރާއި، އެމްއޯސީއާ ބައްދަލުކުރުމަށް ފަހު ކައުންސިލުން ބުނީ، ރާއްޖޭގައި ގޭމްސް ބޭއްވޭނެކަމުގެ އުންމީދު ބޮޑު ކަމަށާއި، ސަރުކާރުގެ ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ.

މީގެއިންވެސް ދޭހަވަނީ ރާއްޖޭގައި ގޭމްސް ބޭއްވޭނެކަމުގެ އުންމީދު ބޮޑުކަމެވެ. އަދި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުގެ ރަނގަޅު ޕްލޭނެއް އޮތްކަމާއި، އެ ޕްލޭންގެ ދަށުން ރާއްޖޭގައި ގޭމްސް ފަސޭހަކަމާއެކު ބޭއްވޭނެކަމެވެ.

ރާއްޖޭގައި އައިއޯއައިޖީ ގޭމްސް ބޭއްވިއްޖެނަމަ، ކުޅިވަރަށް އެތައް ގޮތަކުން ތަރައްގީ ލިބޭނެއެވެ. ރާއްޖޭގެ އެތުލީޓުންނަށް އިތުރު ފުރުސަތުތައް ތަނަވަސްވާނެއެވެ. ރާއްޖޭގައި ރަނގަޅު ފެންވަރުގެ ކުޅިވަރު ކުޅޭ ތަންތަން ބިނާކުރަން މަޖުބޫރު ވެސް ވާނެއެވެ. އުމްރާނީ ގޮތުން ކުޅިވަރަށް ބޮޑު އިންގިލާބެއް އަންނާނެއެވެ.

އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ކުރެވުނު މަޝްވަރާގެ ތެރެއިން

މިއީ ހައްތަހާވެސް އުންމީދީ ވާހަކަތަކެވެ. މީގެކުރިންވެސް ރާއްޖޭގައި އައިއޯއައިޖީ ގޭމްސް ބޭއްވުމަށް އެމްއޯސީން ވަނީ މަސައްކަތް ކޮށްފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި އެމްއޯސީގެ ހުށަހެޅުމަށް ސަރުކާރުން އެއްބާރުލުމެއް ދީފައެއް ނުވެއެވެ.

ނަމަވެސް ރައީސް ސޯލިހުގެ ދައުރުގައި އެމަނިކުފާނުގެ އިރުޝާދާއެކު، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބޭއްވުމުން ފައިދާ ވަނީ ހަމައެކަނި ކުޅިވަރަކަށް ނޫނެވެ. ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސް ސޯލިހުގެ ވައުދަކަށްވާއިރު، މި ގޭމްސް ބޭއްވުމުން ސަރުކާރަށްވެސް ފައިދާވާނެއެވެ. ކުޅިވަރު ތަރައްގީ ކުރުމަށް ރައީސް ސޯލިހު ވެދެއްވާފައިވާ ވައުދުތައް ފުއްދޭނެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތަކީ މި ގޭމްސް ކަމަށްވާއިރު، މިހާތަނަށް މި ގޭމްސް ބާއްވާފައިވާ ގައުމުތަކަކީ މޮރިޝަސް، މަޑަގަސްކަރަ، ސީޝެލްސް އަދި ރިޔޫނިއަން އައިލޭންޑްސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް