ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 13:50
ލިކަމެކްގެ އިވެންޓާ ބެހޭގޮތުން ސާޔާ މައުލޫމާތު ދެނީ
ލިކަމެކްގެ އިވެންޓާ ބެހޭގޮތުން ސާޔާ މައުލޫމާތު ދެނީ
ޝުއައިބް މުހައްމަދު އިގްބާލް
ލިކަމެކް ނައިޓް މާކެޓް
މިނިވަން ދުވަހާ ގުޅިގެން ލިކަމެކުން ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމަށް ހުޅުވާލަނީ
ނައިޓް މާކެޓް އޮންނާނީ ޖުލައި 26 ން ފެށިގެން އޮގަސްޓް 1 އަށް
8000 ރުފިޔާގެ މަގުން ޖުމްލަ 230 ސްޓޯލް ވިއްކުމަށް ހަމަޖެހިފައިވޭ
އަމިއްލަފަރާތްތަކަށާއި ވިޔަފާރިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

މި ޖުލައި މަހުގެ 26 ވަނަ ދުވަހު (މިނިވަން ދުވަހު) ބާއްވާ ނައިޓް މާކެޓުން ސްޓޯލްތައް ގަތުމަށް ލިކަމެކުން ހުޅުވާލައިފިއެވެ.

އަންގާރަ ދުވަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނައިޓް މާކެޓާ ބެހޭގޮޮތުން މައުލޫމާތު ދެމުން އެ ކުންފުނީގެ ފަރާތުން ސާޔާ ބުނީ ނައިޓް މާކެޓް އޮންނާނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްފަންނު ސަރަހައްދުގައި ކަމަށެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ ނައިޓް މާކެޓް ނިމޭނީ އޮގަސްޓް އެއްވަން ދުވަހުގައެވެ.

ޖުމްލަ 230 ސްޓޯލެއް ވިއްކަން ހަމަޖެހިފައިވާ އިރު، ކޮންމެ ސްޓޯލެއް ވެސް ވިއްކަން ހަމަޖެހިފައިވަނީ 8000 ރުފިޔާއަށެވެ. ހުރިހާ ސްޓޯލެއްގެ ބޮޑު މިނަކީ ވެސް 8 ފޫޓު 8 ފޫޓު ކަމަށް ލިކަމެކުން މައުލޫމާތު ދީފައިވެއެވެ. އަމިއްލަ ފަރާތްތަކަށާއި ފިހާރަތައް ހިންގާ ވިޔަފާރިވެރިންނަށް ވެސް ހުޅުވާލައިގެން ބާއްވާ ނައިޓް މާކެޓުން އެއް ފަރާތަކަށް އެންމެ ގިނަވެގެން ނެގޭނީ ތިން ސްޓޯލެވެ.

ސްޓޯލް ނަންގަވަން ބޭނުންވާ ފަރާތްތަކުން ބުދަ ދުވަހު އެ ސަރަހައްދަށް ވަޑައިގަންނަވާ އިރު ގެންނަވަން ޖެހޭނީ އައީޑީ ކާޑު އެކަންޏެވެ. ނަމަވެސް ފަހުން އެ ފަރާތްތަކުގެ ރަޖިސްޓްރީ އޮތްތޯ ބެލޭނެ ކަމަށް ވެސް ލިކަމެކުން ބުނެފައިވެއެވެ. އަދި އަމިއްލަ ފަރާތެއް ކަމުގައިވާ ނަމަ، އަމިއްލަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 9409999 ގުޅާލުމަށް ލިކަމެކުން ވަނީ މައުލޫމާތު ދީފައެވެ.

ސްޓޯލްތައް ގަންނަން ބުދަ ދުވަހު ހުޅުވާލާއިރު، ބްރިޖު ވިއު ޕްލެޓްފޯމް ސަރަަހައްދުން ހެނދުނު 9:00 ފެށިގެން ގޮސް ހަވީރު 5:00 އަށް ސްޓޯލްތައް ގަނެވޭނެއެވެ. އޭގެ ފަހުން ސްޓޯލްތައް ވިއްކަން ހަމަޖެހިފައިވަނީ ލިކަމެކްގެ އޮފީހުންނެވެ. ކިއު ސިސްޓަމަށް ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވާ އިރު، ކުރިޔާލާ ބުކް ކުރެވޭނެ ނިޒާމެއް ނޯންނާނެ ކަމަށާއި ފައިސާ ދިނުމުން ސްޓޯލް ނެގުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް ލިކަމެކުން މައުލޫމާތު ދީފައިވެއެވެ.

މި ނައިޓް މާކެޓަކީ މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީން އަލަށް ހަދާފައިވާ ގަވައިދަށް ފެތޭގޮތަށް، މާލެ ސިޓީ ކައުންސިލްގެ ހުއްދައާއި އެކު ބާއްވާ ނައިޓް މާކެޓެކެވެ. އަދި ސްޓޯލްތައް ނަގާ ފަރާތްތަކުން ގަވައިދުތަކާ އެއް ގޮތަށް އަމަލުކުރޭތޯ ބަލާނެ ކަމަށް ވެސް ލިކަމެކުން ބުނެފައިވެއެވެ.

- ކޮމެންޓް