އީރާނުން 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު ސޮއިކުރި ނިއުކްލިއަރ އެއްބަސްވުމުގައި ޔުރޭނިއަމް ފައްކާކުރުމަށް ކަނޑައެޅި މިންގަނޑު ފަހަނައަޅައި އިތުރަށް ޔުރޭނިއަމް ފައްކާކުރަމުންދާނެ ކަމަށް އެ ގައުމުން ނިންމި ނިންމުން އަނބުރާ އިއާދަ ކުރުމަށް ޔޫރަޕިއަން ޔޫނިއަންއން އެދެފިއެވެ.
އީޔޫގެ ތަރުޖަމާނު މާޖާ ކޮޝިޔަންޝިކް ވިދާޅުވީ އިރާނުން 3.67 އިންސައްތައަށް ވުރެ މަތީ ކޮންސެންޓްރޭޝަންގެ ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ފަށާނެކަމަށް ބުނި ބުނުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
ޔޫރަޕްގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެ މިންވަރަށް ޔުރޭނިއަމް ފައްކާކޮށްފިނަމަ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ބިރު އެބައޮތެވެ.
އީރާނުންދަނީ ނިއުކްލިއަރ ހަތިޔާރެއް އެ ގައުމުން އުފައްދަން އުޅޭ ކަމަށް ބުނާ ބުނުން ކަނޑައެޅިގެން ދޮގު ކުރަމުންނެވެ.
ޔުރޭނިއަމް ފައްކާކުރުން އަލުން ފަށައިގަތުމާ ބެހޭގޮތުން އީރާނުން ބުނެފައިވަނީ އެކަމަކީ އެމެރިކާއިން މިދިޔަ އަހަރު އިއާދަކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދު ކަމަށެވެ.
އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވެފައިވަނީ 2018 ވަނަ އަހަރުއެވެ.
އެމެރިކާއިން އެއްބަސްވުމުން ވަކިވިތާ އެއް އަހަރުފުރުނު ވަގުތު އިރާނުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެހެން ގައުމުތައް ކަމަށްވާ ޗައިނާ،ފްރާންސް،ޖަރުމަނުވިލާތް،ރަޝިއާ، އަދި އިނގިރޭސިވިލާތް ވެގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ކުރުމަށް 60 ދުވަހުގެ މުހުލަތެއް ދީފައެވެ.
އީރާނުންވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނު ސަލާމަތް ކޮށްދިނުމަށް ޔޫރަޕު ނުކުޅެދިފައިވާ ކަމަށް ބުނެފައެވެ.
އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ގުޅިފައިވާ ހަ ގައުމަކުން އެކްޝަން ޕްލޭނެއްގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.
އެއްބަސްވުމުގެ ދަށުން ތެހެރާނުން ވަނީ ބައިނަލްއަޤްވާމީ އިންސްޕެކްޓަރުންނަށް އެ ގައުމަށް ވަނުމުގެ ހުއްދަ ދީފައެވެ އަދި އެ ގައުމަށް އިގްތިސާދީގޮތުން އަޅާފައި އޮތް ދަތިކުރުމުގެ އަށް ފިޔަވަޅެއް ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވެއެވެ