އީރާނުން 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު ސޮއިކުރި ނިއުކްލިއަރ އެއްބަސްވުމުގައި ޔުރޭނިއަމް ފައްކާކުރުމަށް ކަނޑައެޅި މިންގަނޑު ފަހަނައަޅައި އިތުރަށް ޔުރޭނިއަމް ފައްކާކުރަމުންދާނެ ކަމަށް އެ ގައުމުން އިއުލާނު ކޮށްފިއެވެ.
ފޮރިން މިނިސްޓަރުގެ ނައިބް އައްބާސް އަރާޤްޝީ ވިދާޅުވީ އީރާނުން އަދިވެސް ބޭނުންވަނީ އެއްބަސްވުން ދަމަހައްޓަން ކަމަށާއި ނަމަވެސް ޔޫރަޕްގެ ގައުމުތަކަށް އެމީހުންގެ އަމިއްލަ އަހުދުގެ މަތީގައި ވެސް ނުތިބެވުނު ކަމަށެވެ.
އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވެފައިވަނީ 2018 ވަނަ އަހަރުއެވެ.
އޭގެ ފަހުން އެ ގައުމުންވަނީ އީރާނުގެ އިގްތިސާދަށް އަސަރުކުރާނެ ފަދައިން ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަ ކޮށްފައެވެ.
މެއި މަހު އިރާނުން ބުނެފައި ވަނީ އެ ގައުމުން ޔުރޭނިއަމް ފައްކާކުރާ މިންވަރު އިތުރުކުރާނެ ކަމަށެވެ. އެއީ އެ ގައުމުގެ ނިއުކްލިއަރ ރިއެކްޓަރތަކަށް ހަކަތަ ފޯރުކޮށްދީ އަދި ނިއުކްލިއަރ ހަތިޔާރު އުފެއްދޭނެ ގޮތަށެވެ.
އެ ގައުމުން މިހާރު ވެސް ވަނީ އެއްބަސްވުމުގައި ބުނާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ފައްކާކުރުމަށް ފަހު ރައްކާ ކޮށްފައެވެ.
އީރާނުންދަނީ ނިއުކްލިއަރ ހަތިޔާރެއް އެ ގައުމުން އުފައްދަން އުޅޭ ކަމަށް ބުނާ ބުނުން ކަނޑައެޅިގެން ދޮގު ކުރަމުންނެވެ.
އެމެރިކާއިން އެއްބަސްވުމުން ވަކިވިތާ އެއްއަހަރުފުރުނު ވަގުތު އިރާނުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެހެން ގައުމުތަށް ކަމަށްވާ ޗައިނާ،ފްރާންސް،ޖަރުމަނުވިލާތް،ރަޝިއާ، އަދި އިނގިރޭސިވިލާތް ވެގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ކުރުމަށް 60 ދުވަހުގެ މުހުލަތެއް ދީފައެވެ.
އެ މުހުލަތު ނިމިފައިވަނިކޮށް އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަރްޤާޝީ ވިދާޅުވީ އިރާނުން 3.67 އިންސައްތައަށް ވުރެ މަތީ ކޮންސެންޓްރޭޝަންގެ ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތް މަދު ގަޑިއިރުތަކެއްތެރޭ ފަށާނެ ކަމަށެވެ.
އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ގުޅިފައިވާ ހަ ގައުމަކުން އެކްޝަން ޕްލޭނެއްގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.
އެއްބަސްވުމުގެ ދަށުން ތެހެރާނުން ވަނީ ބައިނަލްއަޤްވާމީ އިންސްޕެކްޓަރުންނަށް އެ ގައުމަށް ވަނުމުގެ ހުއްދަ ދީފައެވެ އަދި އެ ގައުމަށް އިގްތިސާދީގޮތުން އަޅާފައި އޮތް ދަތިކުރުމުގެ އަށް ފިޔަވަޅެއް ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވެއެވެ