މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ އޮފީސް ހުޅުވައިފިއެވެ.
އާދީއްތަ ދުވަހު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހަފްލާގައި މި ދެ ޖަމިއްޔާ ގެ އޮފީސް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އެވެ.
މި ހަފްލާގައި މިނިސްޓާރ މަހުލޫފް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާކީނުކޮށް މުޖުތަމައުގައި އެ ކުދިން އެހެން މީހުނެކޭ އެއްގޮތަށް ދިރިއުޅެވޭނޭ ގޮތް ހަދައިދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެހެން މީހުނެކޭ އެއްގޮތަށް އިންޓަރނޭޝަނަލް މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އޭގެއިތުރުން މަހުލޫފް ވިދާޅުވީ މި އަހަރު އައިއޯއައިޖީގައި ވާދަކުރާއިރު ޕެރަލިމްޕިކް ބައިގައި ރާއްޖެއިން މާޒިން ތަމްސީލުކުރާކަމަށެވެ. އަދި މަހުލޫފް ވިދާޅުވީ މާޒިން ރާއްޖެއަށް މެޑައްޔެއް ކާމިޔާބުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އައިއޯއައިޖީގައި ވާދަކުރާ އެތްލީޓް މާޒިން ބުނީ ރާއްޖެ ތަމްސީލު ކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެއްކަމަށާއި، މި މުބާރާތުގައި ވާދަ ކުރެވޭތީ ވަރަށް އުފާވާކަމަށެވެ. އޭގެއިތުރުން އޭނާ ބުނީ މި މުބާރާތައް ނިކުންނަނީ ވަރަށް ބޮޑު ޗެލެންޖަކާއެކު ކަމަށާއި އުންމީދަކީ މުބާރާތުން ރާއްޖެއަށް ރަން މެޑަލް ގެނައުން ކަމަށެވެ.
މާޒިން ވަނީ އޮލިމްޕިކް ކޮމެޓީއަށާއި އެ ކޮމެޓީގެ ރައީސް މަރްޒޫގް އޭނާ އަށް ދިން ހިތްވަރަށާއި ވެދިން އެހީތެރިކަމަށް ސުކުރު ދަންނަވައިފައެވެ.
އާދީއްތަ ދުވަހު ހުޅުވިގެން ދިޔަ މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ގެ އޮފީހުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭރުގެ އިންޓަރނޭޝަނަލް މުބާރާތް ތަކުގައި ވާދަކުރުމުގައި އިތުރު ފަސޭހަތަކެއް ވެގެން ދާނެއެވެ.